ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރު ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ކެރިއަރ ސަރވިސް (އެންސީއެސް) އިން ތަރައްޤީކުރި "މައި ކެރިއަރ ޕޯޓަލް" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

Ad
rt

މި ޕޯޓަލަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއަރ ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. ވޯލްޑްބޭންކުގެ އެހީގައި ކުރިއަށްގެންދާ "ސެއިލްސް" ޕްރޮޖެކްޓުން ފަންޑުކޮށްގެން ތަރައްޤީކުރި މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ކެރިއަރ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލައި، މަސައްކަތްތެރިކަމުގެ ދާއިރާގައި ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުމެވެ.

މި ޕޯޓަލް މެދުވެރިކޮށް ވަޒީފާ ހޯދާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ވަސީލަތްތަކެއް ވަނީ ފަހިކޮށްދީފައެވެ. އޭގެ ތެރޭގައި ކެރިއަރ ގައިޑަންސް ހިމެނެއެވެ. މީގެ ދަށުން ތަމްރީނުލިބިފައިވާ ކައުންސިލަރުންނާ ސީދާ ގުޅުވައިދީ، މަސައްކަތުގެ ދާއިރާއިން ކުރިއަށްދާނެ 'އެކްޝަން ޕްލޭން' ތައް މޮނިޓަރ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ކެރިއަރ ޕާތުވޭ ޑިޒައިނަރ މެދުވެރިކޮށް ދުރު ރާސްތާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަގުޗާޓެއް ކުރަހައިދޭއިރު، މައިލްސްޓޯން ޓްރެކަރ އިން މީހާގެ ތަޢުލީމާއި ތަޖުރިބާ އެއް ފެނުމަކުން ފެންނާނެހެން ތަރުތީބުކޮށްދެއެވެ. އަދި ވަޒީފާގެ ފުރުޞަތުތައް އިޢުލާނުކުރުމާއި، މީހާގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހަޅައިދޭ ވަޒީފާއާ ގުޅުވައިދިނުމުގެ ޚިދުމަތްވެސް މި ޕޯޓަލްގައި ހިމެނެއެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މިއީ ދިވެހިންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، "މޯލްޑިވްސް 2.0" ގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ.

ވަޒީފާ ހޯދާ ފަރާތްތަކަށާއި ވަޒީފާ ދޭ ފަރާތްތަކަށް މިހާރުން ފެށިގެން www.mycareer.gov.mv މެދުވެރިކޮށް މި ޕްލެޓްފޯމުގެ ބޭނުން ހިފޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ކެރިއަރ ސަރވިސްގެ ހެލްޕްލައިން 1475 އަށް ގުޅުމަށް އެ ވުޒާރާއިން އިލްތިމާސްކުރެއެވެ.