ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ހެނދުނު 06:00 ގައި މާލޭގެ ޖުމްހޫރީ މައިދާނުގައި އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

މިނިވަން ދުވަހުގެ މި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނެގުމުގެ އިތުރުން، ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ. ރަސްމިއްޔާތު ނިންމާލާފައިވަނީ ޤައުމީ ސަލާމުންނެވެ. ޤައުމީ ސަލާމް ކުޅެދީފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ބޭންޑް ޕާޓީންނެވެ.

61 ވަނަ މިނިވަން ދުވަހު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދުވަހުގެ ޚާއްޞަ ދުޢާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް

ދުވަހުގެ ރަސްމީ ޖަލްސާ މިއަދު ހެނދުނު 9:00 ގައި މާލޭ ޒުވާނުންގެ މަރުކަޒުގައި އޮންނާނެއެވެ.

މީގެ އިތުރުން، ހަވީރު 16:30 ގައި ހުޅުމާލޭގައި 'މިނިވަން ދުވުން' ކުރިއަށްދާނެއެވެ. އަދި މިރޭ 20:30 ގައި ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް އޮންނައިރު، ހަމަ އެ ގަޑީގައި މާލޭގެ ބޮޑެތި މަގުތަކުގައި މިނިވަން ދުވަހުގެ ޕެރޭޑް ވެސް ކުރިއަށްދާނެއެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައިވަނީ 26 ޖުލައި 1965 ގައެވެ. އޭގެ ކުރިން 1887 ވަނަ އަހަރުން ފެށިގެން ރާއްޖެ އޮތީ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައެވެ. އެ މުއްދަތުގައި ރާއްޖޭގެ ދާޚިލީ ކަންކަން އަމިއްލައަށް ހިންގި ނަމަވެސް، ޚާރިޖީ ކަންކަން ނިންމުމުގެ ބާރު އޮތީ އިނގިރޭސި ދައުލަތަށެވެ. ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހަކީ ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.