ޔަމަނުގެ ހޫތީންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ހުދައިދާ ޕްރޮވިންސަށް އަމާޒުކޮށް ސައުދީ އަރަބިއްޔާއިން އިއްޔެ ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.
މި ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އެ ސިޓީގެ ބަނދަރާއި ކައިރި ސަރަހައްދުތަކަށެވެ.
ރިޕޯޓްތައް ބުނާގޮތުން ސައުދީގެ ވައިގެ ސިފައިން ވަނީ ހޫތީން ބޭނުންކުރާ ހަތިޔާރު ގުދަންތަކަށާއި، ދައުލަތުގެ މުވާސަލާތީ މަރުކަޒުތަކަށް ހަމަލާދީފައެވެ. މީގެ އިތުރުން ހުދައިދާ ކައިރީގައި އޮންނަ ކަމަރާން ޖަޒީރާއަށް ވެސް މި ހަމަލާތަކުގެ އަސަރު ވަނީ ކޮށްފައެވެ.
ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިއީ "އަދަބު ދިނުމުގެ ގޮތުން ދެވުނު އެކަށީގެންވާ އަސްކަރީ ރައްދެކެވެ." މި ހަމަލާތައް ދީފައިވަނީ ރަތްކަނޑުން ދަތުރުކުރަމުންދިޔަ ސައުދީގެ ވިޔަފާރި އުޅަނދެއް ކަމަށްވާ 'އެން.ސީ.ސީ މަސާ' އަށް ދެވުނު ހަމަލާއަކާ ގުޅިގެންނެވެ. އެ ހަމަލާގައި އެ އުޅަނދުގެ ބޭރު ފަށަލައަށް ކުދިކުދި ގެއްލުންތަކެއް ލިބިފައިވެއެވެ.
މި ކުރިމަތިލުންތައް އިތުރަށް ހޫނުވެފައިވަނީ، ރަތްކަނޑާއި ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރާ ސައުދީގެ އުޅަނދުފަހަރާ ދެކޮޅަށް ހޫތީން ކަނޑުގެ ބްލޮކޭޑެއް އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ. ހޫތީން ވަނީ ވިޔަފާރި އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ސައުދީގެ ބަނދަރުތަކަށް ނުދިއުމަށް އިންޒާރު ދީފައެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ވަނީ ސައުދީގެ މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިކަމުގެ ބަދަލު ހިފުމުގެ ގޮތުން ސައުދީ އަރަބިއްޔާއަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް އެ ޖަމާއަތުން ވަނީ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!