ކެނެޑާގެ ވެންކޫވަރގައި ހުންނަ ބީސީ ޕްލޭސް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗު، ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށް ސްވިޒަލޭންޑުން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އަންގާރަ ދުވަހު ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސްވިޒަލޭންޑް ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ. ސްވިޒަލޭންޑަށް މޮޅުކޮށްދިން ނިންމުންތެރި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ރުބެން ވަރްގަސް އެވެ.
މިއީ 1954 ވަނަ އަހަރު ސްވިޒަލޭންޑުން ވޯލްޑް ކަޕް ބޭއްވި ފަހުން އެ ގައުމު މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ސްވިޒަލޭންޑްގެ މި ކާމިޔާބީއާ އެކު، އަންނަ ހޮނިހިރު ދުވަހު އެމެރިކާގެ ކެންސަސް ސިޓީގައި ކުޅޭ ކުއާޓާ ފައިނަލް މެޗުގައި އެ ޓީމު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ. އާޖެންޓީނާ ވަނީ މި ބުރުގައި މިސްރު 3-2 އިން ބަލިކޮށްފައެވެ.
52,497 ސަޕޯޓަރުން ހާޒިރުވި މި މެޗުގައި ކޮލަމްބިއާގެ ސަޕޯޓަރުންގެ އަދަދު ގިނަ ނަމަވެސް، ސްވިޒަލޭންޑުން ވަނީ ކެތްތެރިކަމާއެކު ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗު ބަލަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ހާޒިރުވެވަޑައިގެންނެވިއެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ކޮލަމްބިއާގެ ޑޭވިންސަން ސަންޗޭޒް ޖެހި ޕެނަލްޓީ ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުއިރު، ކޫޗޯ ހެނާންޑޭޒް ޖެހި ޕެނަލްޓީ ސްވިޒަލޭންޑްގެ ކީޕަރު ގްރެގޯ ކޯބެލް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
"އަހަރެމެންނަށް އެނގޭ މިއީ ބޮޑު ގޮންޖެހުމެއްކަން. ނަފްސާނީ ގޮތުން ވަރުގަދަކޮށް ތިބެން ޖެހުނު ވަގުތުތަކެއް ދިޔަ،" ކީޕަރު ކޯބެލް ބުންޏެވެ.
ސްވިޒަލޭންޑް މި މެޗަށް ނުކުތީ މުހިންމު ބައެއް ކުޅުންތެރިން ނުލައެވެ. އޭގެ ތެރޭގައި އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ޒުވާން މިޑްފީލްޑަރު ޖޯހަން މަންޒަމްބީ އާއި ލޫކާ ޖަކޭޒް އަދި މިޝޭލް އެބިޝާ ހިމެނެއެވެ.
ސްވިޒަލޭންޑްގެ ކޯޗު މުރާތު ޔަކިން ބުނީ މިއީ ވަރަށް ބުރަ މަސައްކަތުން ހޯދި ފުރުސަތެއް ކަމަށާއި، އާޖެންޓީނާއާ ދެކޮޅަށް ކުޅުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ކޮލަމްބިއާގެ މި ނާކާމިޔާބީއާ ގުޅިގެން އެ ޓީމުގެ މިޑްފީލްޑަރު ޖޯން އަރިއަސް ބުނީ މިއީ މުޅި ގައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.
ކޮލަމްބިއާ އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރި ޓީމެކެވެ. ނަމަވެސް އެ ޓީމަށް އެންމެ ފަހުން 2022 ގައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!