މެކްސިކޯގެ މަޝްހޫރު އެސްޓާޑިއޯ އެޒްޓެކާ ސްޓޭޑިއަމްގައި އިނގިރޭސިވިލާތުން އެންމެ ފަހުން ކުޅުނު ރަސްމީ މެޗަކީ އެ ގައުމަށް ހިތްދަތި ހަނދާންތަކެއް އާކޮށްދޭ މެޗެކެވެ. ޖޫން 22، 1986 ގައި ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ އަތުން 2-1 އިން ބަލިވެ، އިނގިރޭސިވިލާތް މުބާރާތުން ވަކިވާން ޖެހުނު އެ މެޗަކީ ފުޓްބޯޅަ ތާރީޚުގައި ފާހަގަކޮށްލެވޭ މެޗެކެވެ.

އެ މެޗު ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި ހަރުލާފައިވަނީ ލެޖެންޑަރީ ކުޅުންތެރިޔާ ޑިއޭގޯ މަރަޑޯނާ ޖެހި ދެ ލަނޑުންނެވެ. އެއީ އަތުން ޖެހި "ހޭންޑް އޮފް ގޯޑް" ލަނޑާއި، އަމިއްލަ ހާފުން ފެށިގެން އިނގިރޭސި ޓީމުގެ ދެބައިކުޅަ އެއްބައި ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ޖެހި "ގޯލް އޮފް ދަ ސެންޗަރީ" އެވެ. މި ލަނޑުތަކުގެ ހަނދާނުގައި އެ ސްޓޭޑިއަމްގައި މިހާރު ޕްލެކެއް ވެސް ވަނީ ހަރުކޮށްފައެވެ.

Ad
rt

ވޯލްޑް ކަޕްގެ ގަދަ 16 ގައި މެކްސިކޯއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން އިނގިރޭސި ކޯޗު ތޯމަސް ޓުކެލް ބުނީ، އެއީ އަދިވެސް ތަދުވާ ހަނދާންތަކެއް ކަމަށާއި ނަމަވެސް މިހާރު މިތިބީ ބަދަލުހިފުމުގެ ރޫހެއްގައި ނޫން ކަމަށެވެ. "އެއީ އެންމެން ހަނދާން ހުންނަ މެޗެއް، އެއީ އައިކޮނިކް ދެ ލަނޑު. އެކަމަކު އަހަރެމެން މިތަނަށް މިއައީ ބަދަލުހިފާކަށް ނޫން،" ޓުކެލް ބުންޏެވެ.

ޓުކެލް އިތުރަށް ފާހަގަކުރި ގޮތުގައި މިއީ މުޅިން ތަފާތު ޒަމާނެއްގެ ތަފާތު ވާދަވެރިއެކެވެ. 40 އަހަރަށްފަހު އިނގިރޭސިވިލާތުން މި ނުކުންނަނީ އާޖެންޓީނާއާ ދެކޮޅަކަށް ނޫނެވެ. މިފަހަރުގެ ވާދަވެރިއަކީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ މެކްސިކޯއެވެ. ޓުކެލް ބުނީ ބަދަލުހިފުމަށް ވިސްނުމުގެ ބަދަލުގައި އަމާޒަކީ އާ ސަފުހާއެއް ލިޔުން ކަމަށެވެ.

މި މެޗުގައި އިނގިރޭސިވިލާތަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ މެކްސިކޯގެ ސަޕޯޓަރުންގެ ފޯރީގެ އިތުރުން، އެޒްޓެކާ ސްޓޭޑިއަމް ހުންނަ އުސްމިނެވެ. ކަނޑުގެ ސަﻄަހަށްވުރެ 7,200 ފޫޓު އުހުގައި ކުޅުމަކީ ކުޅުންތެރިންނަށް އުނދަގޫ ކަމަކަށް ވާނެއެވެ. ނަމަވެސް ޓުކެލް ބުނީ އޭނާގެ ޓީމަކީ ތަޖުރިބާކާރު އަދި ހިތްވަރުގަދަ ޒުވާން ޓީމެއް ކަމަށާއި، މި ގޮންޖެހުންތަކާ ކުރިމަތިލާން ޓީމު އޮތީ ތައްޔާރަށް ކަމަށެވެ.