ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ހާއްސަ ސާޖިކަލް އައުޓްރީޗް ޕްރޮގްރާމެއް ބޭއްވުމަށް ނިންމައި، އެ ޕްރޮގްރާމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިއީ ކޭއާރުއެޗާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 9 އިން 11 ޖުލައި 2026 އަށެވެ.
މި ކޭމްޕުގައި ތަޖުރިބާކާރު ސްޕެޝަލިސްޓުންގެ ޓީމަކުން ބައިވެރިވާއިރު، މި ޓީމުން ބަލިމީހުން ބަލައި ސްޕެޝަލިސްޓް ކޮންސަލްޓޭޝަން ދިނުމުގެ އިތުރުން، އޮޕަރޭޝަން ކުރަންޖެހޭ މީހުންނަށް ސާޖިކަލް ހިދުމަތްތައް ވެސް ފޯރުކޮށްދޭނެއެވެ.
މި ޓީމުގައި ހިމެނޭ ޑޮކްޓަރުންގެ ތެރޭގައި ޑރ. ޢަބުދުﷲ އުބައިދު، ޑރ. އައިޝަތު އަޒްނާ ޢަލީ، ޑރ. އައިމިނަތު އަސްމާ، ޑރ. މުހައްމަދު ސިފާން، ޑރ. މުހައްމަދު ވަހީދު، ޑރ. އިބްރާހިމް އާދިލް، ޑރ. އާމިނަތު ނުސްރާ، ޑރ. ޖުމައިލޭ ބޭގަމް، ޑރ. އަބުދުﷲ އަދްސަރު އަދި ޑރ. މުބައްޝިރު ޢަލީ ހިމެނެއެވެ.
މި ޕްރޮގްރާމްގައި ކޮންސަލްޓޭޝަންތަކަށް ރަޖިސްޓްރީވުމާއި ވެއިޓްލިސްޓް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން މިއަދުގެ 18:00 އިން ފެށިގެން 6528864 ނަންބަރަށް ގުޅައިގެން ނަން ނޯޓު ކުރެވޭނެ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.
މިފަދަ އައުޓްރީޗް ޕްރޮގްރާމްތަކަކީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުން ލިބޭ ހިދުމަތްތައް ފުޅާކޮށް، ސިއްހީ ފަރުވާ ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތައް މަދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!