ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު 25 އިންސައްތަ އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހުގެ މުއްދަތަށް މި ބަދަލަށް އަމަލުކުރަމުންދާނެ ކަމަށެވެ.

Ad
rt

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި މި ނިންމުމަކީ ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެކެވެ. މިއީ ބޭންކިން ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ތާށިކަން ކުޑަކުރުމަށާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް އެޅި ވަގުތީ ފިޔަވަޅެއް ކަމަށްވެސް އެ ބޭންކުން ބުންޏެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހާ އަޅާބަލާއިރު، މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށާއި އާންމުންނަށް ވިއްކި ބޭރު ފައިސާގެ މިންވަރު ވަނީ 72 އިންސައްތަ އިތުރުވެފައެވެ. ވަކިން ހާއްސަކޮށް ބޭސްފަރުވާއާއި ތައުލީމީ ބޭނުންތަކަށް ވިއްކި ފައިސާގެ މިންވަރު 78 އިންސައްތަ އިތުރުވެފައިވާއިރު، ތެލާއި ކާޑުގެ ބާވަތްތައް އެތެރެކުރުމަށް ދޫކުރި ފައިސާ ވަނީ 30 އިންސައްތަ އިތުރުވެފައެވެ.

އެމްއެމްއޭ އިން ބުނީ ބޭންކުތަކަށް ވިއްކާ ބޭރު ފައިސާގެ އަދަދު އިތުރުކުރުމުން، އޮފް-ސީޒަނުގައި ދިމާވާ ބޭރު ފައިސާގެ ދަތިކަން ކުޑަވެ، ކަސްޓަމަރުންނަށް ބޭންކުތަކުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ބޭރު ފައިސާގެ މާކެޓް ހަރުދަނާކުރުމަށް ގާނޫނީ އަދި އިދާރީ ގިނަ އިސްލާހީ ފިޔަވަޅުތަކެއް އަޅާފައިވާކަންވެސް އެ އޮތޯރިޓީން ފާހަގަކުރިއެވެ.