ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރި ފަހުން، ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައެވެ.
"ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ މި ޝިޕްމަންޓް ބަލާފާސްކުރިއިރު، އޭގެ ތެރޭގައި ފޮރުވާފައި ހުރި 15,601 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. މި ތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައެވެ.
މިއީ ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ތާރީޚް ކަމަށްވާ 15 ނޮވެންބަރު 2024 ގެ ފަހުން، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސުން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓެވެ. މި ފަދަ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި އެކަނިވެސް ކަސްޓަމްސްއިން ވަނީ ތިން އޮޕަރޭޝަނެއް ހިންގައި، ޖުމްލަ 22,309 ވޭޕް ކާޓްރިޖް އަތުލައިގެންފައެވެ. މިއީ މަނާކުރެވިފައިވާ ތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ހޯދިފައިވާ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ކަސްޓަމްސްއިން އިތުރަށް ބުނެފައިވަނީ، މިހާރު އަތުލައިގަނެވިފައިވާ ޝިޕްމަންޓާ ގުޅޭ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!