ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯހޯލުގައި މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި، މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން އެކަމަނާ ވަނީ މުބާރާތުގެ އޮފިޝަލް ޗެމްޕިއަންޝިޕް ބޯޅައިގައި ސޮއިކުރައްވާފައެވެ.
މި ޗެމްޕިއަންޝިޕް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހުރަވީ ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. 7 މިނެޓުގެ 4 ކުއާޓަރުގެ ކުޅުމަށްފަހު، މި މެޗު 23 ޕޮއިންޓް 3 ޕޮއިންޓުން ކާމިޔާބުކުރީ ހުރަވީ ސްކޫލެވެ.
މި މެޗަށްފަހު، "ކުއީން އޮފް ދަ މެޗް" ގެ މަގާމަށް ހޮވުނު ހުރަވީ ސްކޫލުގެ އާމިނަތު ތުގާއަށް އިނާމް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާއެވެ.
މި މުބާރާތަކީ ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން، ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ޒުވާނުންގެ ހުނަރު ތަރައްގީކުރުމަށް ބާއްވާ ސިލްސިލާ މުބާރާތެކެވެ. މީގެ ކުރިން "އިންޓަރ ސްކޫލް ނެޓްބޯލް ޓޯނަމަންޓް" ގެ ނަމުގައި ބާއްވަމުން އައި މި މުބާރާތް، މިއަހަރު ކުރިއަށްދަނީ "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ގެ ނަމުގައެވެ.
މިއަހަރުގެ މުބާރާތުގައި ދެ އުމުރުފުރާއަކުން ޓީމުތައް ވާދަކުރެއެވެ. އެއީ 15 އަހަރުން ދަށުގެ އުމުރުފުރާއިން 14 ޓީމާއި، 17 އަހަރުން ދަށުގެ އުމުރުފުރާއިން 11 ޓީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!