ހދ. ހަނިމާދޫގެ މަގުހެދުމުގެ ޕްރޮޖެކްޓްއަށް ރައީސް ޔާމީނުގެ ސަރުކާރުން އެރަށަށް ގެންދިޔަ ތިރީސް ހާސް ކޮތަޅު ސިމެންތީގެ ތެރެއިން ބޭނުން ނުކޮށް ހުރެ ނަވާވީސް ހާސް ކޮތަޅު ސިމެންތި ގާވެ ނިމިއްޖެއެވެ!
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވުމުން، 2018 ވަނަ އަހަރުގެ ޖޫން މަސްތެރޭ ހަނިމާދޫގެ މަގު ހެދުމުގެ ޕްރޮޖެކްޓަށް ތިރީސް ހާސް ކޮތަޅު ސިމެންތި އެރަށަށް އޭރުގެ ސަރުކާރުން ގެންދިޔައެވެ.
އެކަމުގެ މައުލޫމާތު އެނގޭ މީހުން ބުނާގޮތުން މަގު ހެދުމުގެ ޕްރޮޖެކްޓަށް އެ ތިރީސް ހާސް ކޮތަޅު ސިމެންތީގެ ތެރެއިން ބޭނުން ކޮށްފައި ހުންނާނީ މަގުތަކުގެ ކާނުތައް ހެދުމަށް ބޭނުން ކުރި ހާހެއްހާ ކޮތަޅު ސިމެންތިއެވެ. ބާކީ ނަވާވީސް ހާސް ކޮތަޅު ސިމެންތި ހުރީ މިހާރު ބޭނުން ނުކުރެވޭ މިންވަރަށް ގާވެ ހަލާކުވެފައެވެ.

އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހަނިމާދޫގެ ކައުންސިލުން ދެ ފަހަރަކު ސިޓީ ފޮނުވާފައިވާ ކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމާތު ދިނެވެ. އެ ދެ ސިޓީ ފޮނުވާފައިވަނީވެސް އައު ސަރުކާރު އައި ފަހުން 2019 ވަނަ އަހަރުގެ ތެރޭގައެވެ.

ފުރަތަމަ ސިޓީ 2019 ވަނަ އަހަރު ކުރީކޮޅު ފޮނުވުކަމަށް ކައުންސިލުން ބުންޏެވެ. އެސިޓީތަކުގައި ހަނިމާދޫގައި ހުރި ސިމެންތިތައް ހަލާކުވުމަށް ދޫކޮށްނުލައި، ހަނިމާދޫގެ ތަރައްޤީގެ މަސައްކަތްތަކަށް އެ ކައުންސިލަށް އެސިމެންތިތައް ލިބޭނެ އުސޫލެއް ކަނޑައަޅުއްވައި ދެއްވުމަށް އެދިފައިވާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ. ނަމަވެސް މިހާތަނަށް ޕްލޭނިންގ މިނިސްޓްރީއިން އެއްވެސް ޖަވާބެއް އެކައުންސިލަށް ދީފައެއް ނުވެއެވެ.
ހަނިމާދޫގެ މަގު ހެދުމުގެ ޕްރޮޖެކްޓަށް ސަރުކާރުން އެރަށަށް ގެންދިޔަ ތިރީސް ހާސް ކޮތަޅު ސިމެންތީގެ ތެރެއިން މަގުތަކުގެ ކާނުތައް ހެދުމަށް ބޭނުން ކުރީ ހާހެއްހާ ކޮތަޅު ސިމެންތި ކަމަށް އެރަށުން މައުލޫމާތު ދިން މީހުން ލަފާކުރާއިރު ބާކީ ނަވާވީސް ހާސް ކޮތަޅު ސިމެންތި ގާވެ، ބޭނުން ނުކުރެވޭ ވަރަށް މިހާރު ހަލާކުވެފައި ހުރި އިރު، ހަނިމާދޫއަށް ސިމެންތި ކޮތަޅެއް މާލެއިން ގެނެވޭ ރޭޓަށް ބަލާއިރު އެ ހަލާކުވި ނަވާވީސް ހާސް ކޮތަޅު ސިމެންތިއަށް 4،205،000 ރުފިޔާ ޖެހެއެވެ.

ހަނިމާދޫގައި ސަރުކާރުން އިމާރާތްކޮށް، މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ހައުސިންގ ޔުނިޓެއްގެ ޖުމްލަ އަގަކީ 6،19000 ރުފިޔާ ކަމަށް ކަނޑައަޅާފައިވާއިރު ގާވެ، ހަލާކުވި ނަވާވީސްހާސް ކޮތަޅު ސިމެންތީގެ އަގުން މިން ކުރާނަމަ 6 ޢާއިލާގެ ބޯހިޔާވަކަމަށް، 6 ހައުސިންގ ޔުނިޓް އިމާރާތްކޮށް އިތުރުވާ މިންވަރަށް ދައުލަތުން ފައިސާގެއްލިގެން ދިޔައީއެވެ.

ދައުލަތުން ކުރާ ކޮންމެ އިސްރާފަކުން ގެއްލި ދަނީ އާންމު ރައްޔިތުމީހާއާއި ވިޔަފާރި ތަކުގެ ޓެކްސް ފައިސާއެވެ. ކިހާ ހިތާމަ ހުރިކަމެއްތޯއެވެ؟ ގެއްލިގެން އެދިޔައީ ރައްޔިތުންގެ އެތައްހާސް ފައިސާއެކެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!