ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި ހއ. އުލިގަމަށް ނިސްބަތްވާ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ރޭ ނިޔާވެފައިވާއިރު، އާސިފްގެ ޢާއިލާ އަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް ތައުޒިޔާ މެސެޖުގައި ވިދާޅުވީ، މަޤާމުގެ ވާޖިބު އަދާކުރެއްވުމަށް ޑިއުޓީގައި ކަނޑުމަތީގައި މަސައްކަތްކުރައްވަނިކޮށް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވި ޚަބަރު އަޑުއެހީ ފުންހިތާމައާއެކު ކަމަށެވެ.
"މަރްޙޫމުގެ ޢާއިލާއަށް ކެތްތެެރިކަން ދެއްވުން އެދި ދުޢާކޮށް، އެ ޢާއިލާއަށާއި ދިވެހި ފުލުހުންނަށް ތަޢުޒިޔާ ދަންނަވަން. މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް އަޙްމަދު ޢާޞިފް ލަހައްޓަވާށި،" ރައީސް ވިދާޅުވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
މަޤާމުގެ ވާޖިބު އަދާކުރެއްވުމަށް، ޑިއުޓީގައި ކަނޑުމަތީގައި މަސައްކަތްކުރައްވަނިކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުންހިތާމައާއެކު. މަރްޙޫމުގެ ޢާއިލާއަށް… pic.twitter.com/xFPfudCiKo
— Dr Mohamed Muizzu (@MMuizzu) June 11, 2026
2026 ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ ސީނިއާ ސާޖަންޓް އަޙްމަދު އާސިފް އެވެ. ހއ. އުލިގަމަށް ނިސްބަތްވާ އާސިފް ނިޔާވިއިރު އޭނާގެ އުމުރަކީ 34 އަހަރެވެ.
ފުލުހުން ބުނިގޮތުގައި "ޕޮލިސް ލޯންޗް 57" ގައި ޑިއުޓީގައި ތިބި ފުލުހުންގެ ތެރެއިން އޮފިސަރެއްކަމުގައިވާ އާސިފް ގެއްލިފައިވާކަން ސަމާލުކަމަށް އައުމާއެކު، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ވަގުތުން ފަށާފައެވެ.
ފުލުހުން ހިންގި ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން އާސިފް ފެނިފައިވަނީ މޫދު އަޑިންނެވެ. އޭނާ ފެނުމާއެކު ވަގުތުން އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދެވުނު ނަމަވެސް، ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް އެ މަރުކަޒާއި ހަވާލާދީ ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!