ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަންގާރަ ދުވަހު މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގަތް އަށް ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
މި ތަކެތީގެ މަގުމަތީ އަގު ހަ މިލިއަން ރުފިޔާއަށް އަރާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ވަނީ ލަފާކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ މުހައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ) އެވެ. މީގެ އިތުރުން ދިވެހި ތިން ފިރިހެނުން ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ ލ. ގަން، މުކުރިމަގު، ފޭރުގަސްދޮށުގެ، އަޙްމަދު އަފްރާޙް (33އ) އާއި، މާލެ، ހ. ކަހަފަތި، އިލްޔާސް އަޙްމަދު (42އ) އަދި މާލެ، ގ. ހޭޅި، ޙަސަން ޝަމްޢޫން (36އ) އެވެ.
މި ފަސް މީހުންނަކީ އަށް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމުގެ ތުހުމަތުގައި ކަސްޓަމްސް އިން ހިފަހައްޓައި، ފުލުހުންނާ ހަވާލުކޮށްފައިވާ މީހުންނެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މި ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ފަސް މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކަސްޓަމްސްއިން އިއްޔެ ބުނިގޮތުގައި މި މައްސަލާގައި އަތުލައިގެންފައި ވަނީ 8.5 ކިލޯގެ ހަޝިސް އޮއިލް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!