މަޢުލޫމާތު ލިބިގަތުމަކީ ހާމަކަންބޮޑު، ޒިންމާދާރު، އަދި ރައްޔިތުންނާއި ގުޅިފައިވާ ސަރުކާރެއްގެ މައިގަނޑު އެއް ތަނބު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ފާހަގަކުރެއްވީ މިއަދު ސޯޝަލް މީޑިއާގެ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މަޢުލޫމާތު ހޯދައިލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ ވުޒާރާތަކުން އިސްވެ މަޢުލޫމާތު ހާމަކޮށް، އެ ޤާނޫނު ފުރިހަމައަށް ތަންފީޒުކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. މިއީ 2014 ވަނަ އަހަރު މި ޤާނޫނު ވުޖޫދުވުމަށްފަހު، ސަރުކާރުގެ ހުރިހާ ވުޒާރާތަކުން އަމިއްލައަށް އިސްނަގައިގެން މައުލޫމާތު އާންމުކުރަންޖެހޭ މިންގަނޑަށް ސައްތައިންސައްތަ އަމަލުކުރި ފުރަތަމަ ފަހަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ކުރިން އާންމުނުކުރާ ވަރަށް ގިނަ މަޢުލޫމާތު މިހާރު އާންމުކުރެވިފައިވާ ކަމަށާއި، މިއީ ހާމަކަންބޮޑު ވެއްޓެއް ޤާއިމްކޮށް ދައުލަތުގެ އިދާރާތައް ޒިންމާދާރުކުރުވުމުގައި ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"ޓްރާންސްޕޭރަންސީ އަކީ ހަމައެކަނި ސިޔާސަތުގެ އަމާޒެއް ނޫން، އެއީ ރައްޔިތުންގެ އިތުބާރާއި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމުގެ އަސާސެއް،" ރައީސް ވިދާޅުވިއެވެ.
މި ކާމިޔާބީއަށް ވާޞިލުވުމުގައި ޙަރަކާތްތެރިވި އިދާރާތަކާއި މުވައްޒަފުންގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ތެރެއިން އާންމުންނަށް މައުލޫމާތު ލިބޭނެ ގޮތް ފުޅާކުރުމާއި، ވެރިކަން ހިންގުމުގައި މަދަނީ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމާއި ޖަވާބުދާރީވުން ކުރިއެރުވުމަކީ ސަރުކާރުން އަބަދުވެސް އެންމެ އިސްކަންދޭނެ ކަންތައްތައް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!