މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނީ ބައިނަލްއަޤުވާމީ ފެންވަރުގައި އެންމެން ގުޅިގެން އަޅާ ހަރުދަނާ ފިޔަވަޅުތަކުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ، ދުނިޔޭގެ މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރުކަމަށްވާ "އަ ގްލޯބަލް ކޯލް ފޯރ ކްލައިމެޓް އެކްޝަން" އަކީ، ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ކަންބޮޑުވުންތަކާ ނުހަނު ގުޅިފައިވާ ޝިޢާރެއް ކަމަށެވެ. އަދި މިއަދުގެ ޢިލްމީ ދިރާސާތަކުން ދައްކާ ގޮތުގައި ކުރިއަށް އޮތީ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ދުވަސްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ޢަމަލީ ގޮތުން މަސައްކަތް ކުރުމަށް މި އަހަރުގެ ޝިޢާރުން ގޮވައިލާ އިރު، އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަކާދަތަކާއި ވިސްނުންތަކަށް ބަދަލު ގެނެސް، އިހަށްވުރެ ބޮޑަށް އަތުކުރި އޮޅާލަން މަޖުބޫރުވެފައިވާ ކަމަށެވެ.
"މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ އަސަރުތައް އަޅުގަނޑުމެން މިހާރުވެސް މި ދަނީ ތަޙައްމަލުކުރަމުން. އާދަޔާ ޚިލާފަށް މޫސުން ގޯސްވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ފަރުތަކާއި ކަނޑުގެ ދިރުންތަކަށް ލިބެމުންދާ ގެއްލުންތައް އިތުރުވުމަކީ، މިއަދުގެ ދުނިޔޭގެ ޙަޤީޤަތް،" ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިޤުތިޞާދާއި ދުޅަހެޔޮކަން ގުޅިފައިވަނީ الله تعالى ދެއްވާފައިވާ ޤުދުރަތީ ރީތި ވެށްޓާއެވެ. ރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި، ހުދުކުލައިގެ ދޮންވެލި ގޮނޑުދޮށްތަކުގެ އިތުރުން، ސާފު މޫދާއި ފަރުތަކުގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤުބޫލު ފަތުރުވެރި މަންޒިލްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ބަވަނަވަމުންދާ ދުނިޔޭގައި ތަރައްޤީއާއި ތިމާވެށި ވަށައިޖެހޭ ގޮތަކަށް ގެންދިއުމުގެ މުހިއްމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލުތަކުގެ މަތީގައި ސާބިތުކަމާއެކު ދެމިތިބުމަކީ ތަހުޒީބާއި ތަމައްދުނު ހާސިލުކުރުމަށް އޮތް މަގުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!