ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅަކު އިންތިޚާބުކުރަން ބާއްވާ ޖަލްސާ މާދަމާ އަށް ފަސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްގެ އިތުބާރުގެ މައްސަލަ އެޖެންޑާކޮށް މިއަދު ހެނދުނު 9:00 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ ވަނީ ނާޒިމް އިސްތިއުފާދެއްވިކަން ޢިއުލާންކުރެއްވުމަށްފަހު މިއަދު މެންދުރުފަހު 13:00 ގައި މަޖިލީހުގެ އިތުރު ޖަލްސާއެއް އޮންނާނެކަމަށް ޢިއުލާންކުރަށްވާފައެވެ.

Ad
rt

ނަމަވެސް މިހާރު އެޖަލްސާ މާދަމާ އަށް ފަސްކޮށްފައިވާކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ ސީނިއަރ މެމްބަރަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އެ މަގާމަށް ދެތިން ބޭފުޅެއްގެ ނަން ތިލަވެފައިވީނަމަވެސް ޕީއެންސީން އަދި ނަމެއް ފައިނަލްނުކުރާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

’’ޝުޖާޢު، ސަލީމް، ޓޮމްމެންފަދަ ނަންތަކެއް އެބައުޅޭ،’’ އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނައިބު ރައީސަކު ހޮވާނީ ޖަލްސާގައި ނަން ހުށަހަޅައި ތާއީދުލިބިގެން، މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެ ވޯޓުގެ ކަންކަން ކުރިއަށްގެންދާނީ އެ ޖަލްސާގައި ނަން ހުށަހަޅައި ތާއީދު ލިބި، ފާސްކުރާ މެމްބަރުންގެ ކުޑަ ކޮމެޓީއަކުންނެވެ.

ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮންނަ މަޖިލީހުގައި އެ ޕާޓީގެ 75 މެމްބަރަކު ތިއްބަވައެވެ.