ފުޓްބޯޅައިގެ ސަބަބުން ދިވެހި ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި، އަންނަން އޮތް ޖީލުތަކަށް އެ ކުޅިވަރުން ލިބިދޭ ހިތްވަރަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގައި ފާހަގަކުރާ ފުޓްބޯޅަ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، މުޅި ދުނިޔެ އެއްބައިވަންތަކޮށްދޭ މި ރީތި ކުޅިވަރަށް ލޯބިކުރާ އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރި ތަހުނިޔާއެއް އަރިސްކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށާއި ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ސަރުކާރުން ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ފީފާގެ މިންގަނޑުތަކަށް ފެތޭ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމާއި، އުމްރާނީ ވަސީލަތްތައް ފުޅާކޮށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެއިތުރުން، ކުޅިވަރުގެ ތަރައްޤީ މުޅި ރާއްޖެއަށް ލާމަރުކަޒީކުރުމަށްޓަކައި ކުޅިވަރުގެ ޤާނޫނަށް އިޞްލާޙު ގެނައުން ފަދަ މުހިންމު ބަދަލުތައް ތަޢާރަފުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، ކުޅިވަރުގެ ސަގާފަތް ވަރުގަދަކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި އަޅުގަނޑުމެންގެ އެތުލީޓުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ މި ޕޯސްޓާ ގުޅިގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ރައީސް އަޙްމަދު ތޯރިޤް (ޓޮމް) ވަނީ، ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށާއި ދިވެހި ފުޓްބޯޅަ އޮންނަންޖެހޭ ހަގީގީ މަގާމަށް އަނބުރާ ގެންދިއުމަށް ރައީސް މުޢިއްޒު ދެއްވާ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
''އެފްއޭއެމްގެ ފަރާތުން، އެ އެސޯސިއޭޝަންގެ އެންމެ މުހިންމު އެއް ބައިވެރިޔާގެ ހައިސިއްޔަތުން، ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށާއި ދިވެހި ފުޓްބޯޅަ އޮންނަންޖެހޭ ހަގީގީ މަގާމަށް އަނބުރާ ގެންދިއުމަށް ދެއްވާ މެދުނުކެނޑޭ އެއްބާރުލުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ދިވެހި ސަރުކާރަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރަމެވެ.'' ޓޮމް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!