ޗައިނާގެ ޝާންޝީ ޕްރޮވިންސްގެ ލިއުޝެންޔޫ ކޯލް މައިންގައި ހިނގި ނުރައްކާތެރި ގޭސް އެކްސްޕްލޯޝަންގެ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހާދިސާގައި އެތައް ބަޔަކު މަރުވެ، އަދި ގިނަ ބަޔަކަށް އަނިޔާ ލިބިފައިވާތީ އެކަމާ ހިތާމަ ކުރައްވާކަމުގައި ބަޔާން ކުރައްވާފައިވެއެވެ. އަދި މިހާދިސާގައި މަރުވި މީހުންގެ ޢާއިލާ ތަކަށާއި، ޗައިނާ ސަރުކާރަށާ ރައްޔިތުންނަށް، ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވައި، ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެ ޗައިނާއާއި އެކުގައި ވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޗައިނާގެ ރަސްމީ މީޑިއާ، ޝިންހުއާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހުގެ ރޭގަނޑު ހިނގި މި ހާދިސާގައި މަދުވެގެން 90 މީހުން ވަނީ މަރުވެފައެވެ. ގޮވުން ހިނގި ވަގުތު 200 އަށްވުރެ ގިނަ މަސައްކަތްތެރިން ބިމުގެ އަޑީގައި މަސައްކަތް ކުރަމުން ދިޔައިރު، 120 އަށްވުރެ ގިނަ މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މީގެ ތެރެއިން ދެ މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ ގެއްލިފައިވާ މީހުން ހޯދުމަށް ފުރިހަމަ ބާރުމިނުގައި މަސައްކަތް ކުރުމަށާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ފުރިހަމަ ތަހުގީގެއް ހިންގުމަށް އަމުރު ކުރައްވާފައެވެ. ރެސްކިއު ވޯކަރަކު ބުނި ގޮތުގައި، އުންމީދެއް އޮތްހާ ހިނދަކު، މީހުން ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ އެވެ. މިހާރު މި ހާދިސާއާ ގުޅުންހުރި ކުންފުނީގެ އިސްވެރިން ވަނީ ގާނޫނީ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ޝަންޒީ ޓޮންގްޒޫ ކޯލް އެންޑް ކޯކް ގްރޫޕުން ހިންގާ މި މައިނަކީ އަހަރަކު 1.2 މިލިއަން ޓަނުގެ ކޯލް އުފެއްދުމުގެ ގާބިލުކަން ހުރި ތަނެކެވެ. ނަމަވެސް، ގޭސް ލެވެލް މަތިވުމުގެ ސަބަބުން 2024 ވަނަ އަހަރު މި ތަން ވަނީ "ހައި-ރިސްކް" ސައިޓުތަކުގެ ލިސްޓުގައި ހިމަނާފައެވެ.
ޝަންޒީ ޕްރޮވިންސަކީ ޗައިނާގައި އެންމެ ގިނައިން ކޯލް އުފައްދާ ސަރަހައްދު ކަމަށްވާއިރު، މުޅި ގައުމުގެ ކޯލް އުފެއްދުމުގެ ތިންބައިކުޅަ އެއްބައި ހިއްސާކުރަނީ މި ސަރަހައްދުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!