ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވީ، ނިމިދިޔަ ސަރުކާރުން ކަނޑުފަޅުތަކުން ދޫކުރި ގޯތިތައް ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ހުއްޓިފައި ހުރި ފްލެޓްތަކުގެ މަސައްކަތް ނިންމައި ރައްޔިތުންނާ ހަވާލުކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ މައި ޖަގަހަ، "ޕީއެންސީ ހައުސް" ގައި ރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ކޮންމެ ރައްޔިތަކަށް އަސާސީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި މީގެ ކުރިން ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ހުންނެވިއިރުވެސް، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަވަހަށް ނިންމައި ރައްޔިތުންނަށް ފްލެޓްތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު ގިނަ މަޝްރޫޢުތަކެއް ހުރީ ހުއްޓިފައި. އެހެންކަމުން އެންމެ ބޮޑު އިސްކަމެއް ދިނީ ކުރީ ސަރުކާރުން ކަނޑުފަޅުތަކުން ދޫކޮށްފައި ހުރި ގޯތިތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްތައް ހަލުވިކުރުމަށާއި، މަސައްކަތް ހުއްޓިފައި ހުރި ފްލެޓްތައް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ބޯހިޔާވަހިކަމުގެ ސިޔާސަތު ހަރުދަނާކޮށް، ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ބަޔަކަށް ގެދޮރުވެރިކަން ހޯދައިދޭ ސަރުކާރަށް ވުން ކަމަށެވެ. އެގޮތުން އަތޮޅުތެރޭގެ ރަށްރަށާއި މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ ގިނަ އައު މަޝްރޫޢުތަކެއް މިހާރުވެސް ފަށާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިގެންދާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!