ނެޝަނަލް ޕޭ ކޮމިޝަނުން މުސާރަތައް އެއްހަމަކުރުމަށް ނުވަތަ ޕޭ ހަރމަނައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، އެކި ސަބަބުތަކާހުރެ މުސާރައިގެ ކުރިއެރުން ލިބިފައިނުވާ މުވައްޒަފުންނަށް މި މަހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގެތެރެއިން މިއަދު ބޭއްވި މި ހަފްތާގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ޕޭ ހަރމަނައިޒް ކުރެވުނުއިރު، ހިއުމަން ރިސޯސަސް ދާއިރާއާއި ލީގަލް ދާއިރާގެ ބައެއް މުވައްޒަފުންގެ އިތުރުން ކައުންސިލްތަކުގެ ބައެއް މަޤާމްތަކުގައި ތިއްބެވި މުވައްޒަފުންނަށް މުސާރަ ބޮޑުވުމުގެ ބަދަލުގައި، މުސާރަ އެއްވަރެއްގައި ހިފެހެއްޓިފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ފަރާތްތަކަށް އެދެވޭ ކުރިއެރުމެއް ލިބިފައިނުވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މި މޭ މަހުން ފެށިގެން އެކަން ހައްލުވެ، ލިބޭ މުސާރަ ބޮޑުވާނެ ކަމުގެ ޔަޤީންކަން ޕޭ ކޮމިޝަނުން ވަނީ ދެއްވާފައި" މި މައްސަލައަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ވެސް ޕޭ ހަރމަނައިޒް ކުރުމުގެ ތެރެއިން އެއްވެސް މުވައްޒަފެއްގެ މުސާރައަށް ހެޔޮ ބަދަލެއް ނާންނަ ނަމަ، ވަކިވަކިން ނަމަވެސް އެ މައްސަލަތައް ބަލައި ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މި ބަދަލާއެކު، މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން މުސާރަ އިތުރުނުވެ ތިބި ގިނަ އަދަދެއްގެ މުވައްޒަފުންނަށް މި މަހުގެ މުސާރައާއެކު ހެޔޮ ބަދަލެއް ފެނިގެންދާނެއެވެ.
1 ނޮވެމްބަރު 2025 އިން ފެށިގެން ބައެއް މުވައްސަސާތަކުން އައު ޕޭ ފްރޭމްވަރކަށް ޢަމަލުކުރަން ފަށާފައިވާއިރު، ގެތެރޭގައި ސިވިލް ސަރވިސްއާއި ޝަރުޢީ ދާއިރާގެ އިތުރުން ދައުލަތުގެ އިތުރު 6 މުވައްސަސާއަކާއެކު ޖުމްލަ 93 އިންސައްތަ މުވައްސަސާ އައު ޕޭ ފްރޭމްވަރކަށް ޢަމަލުކުރަން ވަނީ ފަށާފައެވެ. ޕޭ ފްރޭމްވަރކަށް 1 ނޮވެމްބަރު 2025ގައި ޢަމަލުކުރަން ފެށި މުވައްސަސާތަކަށް ކުރިމަތިވަމުންދާ މައްސަލަތައް ބަލައި އަދި މުވައްސަސާތަކަށް ދެނެގަނެވިފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕޭ ކޮމިޝަނުން ވެސް ވަނީ މިދިޔަ މަހު ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!