ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ބާއްވާ ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހަފްތާގެ ތެރޭގައި ހުޅުވާލާނެ ކަމަށް އެ އިދާރާގެ ރައީސް އަހްމަދު ތޯރިގް މިއަދު އިއުލާނު ކުރައްވައިފިއެވެ.

މި މުބާރާތާ ގުޅޭގޮތުން މަހިބަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރަށްވާ ތޯރިގް ވިދާޅުވީ، މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށެވެ. މި މުބާރާތް ކުރިއަށްދާނީ ކުރިންވެސް އިއުލާނުކޮށްފައިވާ ގޮތަށް، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ލާމަރުކަޒީ އުސޫލުންނެވެ. މީގެ ސަބަބުން ކޮންމެ ރަށެއްގައި ހުރި ހުނަރުވެރި ކުޅުންތެރިއަކަށްވެސް ގައުމީ ފެންވަރުގައި ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Ad
rt

އެފްއޭއެމުން ބުނި ގޮތުގައި މިއީ ރާއްޖޭގައި މިހާރު ކުރިއަށްދާ އެފްއޭއެމް ރީޖަނަލް ލީގުތަކުގެ ފޯމެޓަށް ބިނާކޮށް، މުޅި ރާއްޖެ ހިމެނޭ ގޮތަށް ބާއްވާ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕެވެ. މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ކުޅުންތެރިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމެވެ.

މީގެ އިތުރުން، މިއީ ގައުމީ ފުޓްސަލް ޓީމުން ޖާގަ ހޯދުމަށް އުންމީދުކުރާ ޒުވާން ކުޅުންތެރިންނަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ. އެފްއޭއެމްގެ އަމާޒަކީ މި މުބާރާތުގެ ތެރެއިން ހުނަރުވެރި ކުޅުންތެރިން ދެނެގަނެ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކޮށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ދިފާއު ކުރުމެވެ.

ރާއްޖެ އިން ވަނީ މިއަހަރު ޖެނުއަރީ މަހު ތައިލެންޑްގައި އޮތް ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލާފައެވެ.