ވައިބަރ މެދުވެރިކޮށް ފޮނުވި ލިންކެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން މީހެއްގެ ބެންކު އެކައުންޓަކުން 50,000 ރުފިޔާ ފޭރުނު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ / މާލެ، މޫސާ މުޙައްމަދު (38އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 2 ވަނަ ދުވަހުއެވެ.
ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ. އެޕްރީލް 24 ވަނަ ދުވަހު މޫސާ މުޙައްމަދު ވަނީ ފޭސްބުކް މެސެންޖަރ މެދުވެރިކޮށް ވިކްޓިމްއާ ގުޅުން އުފައްދާފައެވެ. އޭގެ ފަހުން ވައިބަރ މެދުވެރިކޮށް އޭނާ ފޮނުވި ލިންކަކަށް ވިކްޓިމް ފިތައިލުމާއެކު ފޯނު ރީސެޓުވެ، އެ މީހާގެ ބެންކު އެކައުންޓުގައި ހުރި 50,000 ރުފިޔާ ވަނީ ކެނޑިފައެވެ.
ފުލުހުން ބުނި ގޮތުގައި، ވިކްޓިމްގެ އެކައުންޓުން ކެނޑުނު ފައިސާ ޖަމާވެފައި ވަނީ ސީދާ މޫސާ މުޙައްމަދުގެ ނަމުގައި ހުޅުވާފައިވާ ބެންކު އެކައުންޓަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިފަދަ ލިންކުތަކަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!