ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް ނުވަތަ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިއުމަކީ ހަމައެކަނި ސަރުކާރުގެ ސަބަބުން ވާކަމެއް ނޫން ކަމަށް ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް "ޕްރެސަރ ވިތް ދަ ސްޕޯކްސް" ގެ ނަމުގައި ފެށި ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުމުގައެވެ.

Ad
rt

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ޕްރެސް ފްރީޑަމް އިންޑެކްސް މިނެކިރާއިރު ބަލަނީ ހަމައެކަނި ސަރުކާރުގެ ޕަފޯމެންސަށް ނޫން ކަމަށެވެ. އެގޮތުން ސަރުކާރާއި މީޑިއާއާ އޮންނަ ގުޅުމުގެ އިތުރުން، ނޫސްވެރިންގެ ޒިންމާވެސް މީގެ ތެރޭގައި ހިމެނޭކަމަށެވެ.

"ޕްރެސް ފްރީޑަމް އިންޑެކްސް ފަހަތައް ދިޔައީމަ ނޫސްވެރިންނަށް ކޮންމެ ފަހަރަކު ކީއްވެތޯ ތި ހީފުޅުވަނީ އެއީ ސަރުކާރުގެ ސަބަބުންވާ ކަމެކޭ، ބައްލަވާ ޕްރެސް ފްރީޑަމް އިންޑެކްސް އެ ބޭފުޅުން މިނެކިރަނީ ހަމައެކަނި ސަރުކާރަކުންނޫނޭ، ސަރުކާރުގެ ޕަފޯމެންސް ނުވަތަ ސަރުކާރަކުން މީޑިއާއާ އޮންނަ ގުޅުން އޮންނަނީ ރަނގަޅަށްތޯ ގޯސްކޮށްތޯ، ތިރިއަށްތޯ މައްޗަށްތޯ، މަދުތޯ ގިނަތޯ އެކަންޏެއް ނޫނޭ. އޭގެ ޒިންމާ ތިބޭފުޅުން (ނޫސްވެރިން) ވެސް އޮވޭ، އަޅުގަނޑުމެން އެންމެންގެ ޒިންމާ އޮވޭ،" މުންދު ވިދާޅުވިއެވެ.

ރާއްޖެ އިންޑެކްސްގައި ފަހަތަށް ދިއުމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ބައެއް ފަހަރު އިންޑެކްސްގައި ފަހަތަށް ދަނީ އަޅާކިޔުމުގެ ތެރެއިން ކަމަށެވެ. އެގޮތުން ރާއްޖެއަށްވުރެ ފަހަތުގައި ތިބި ގައުމުތަކުން ކުރިއެރުން ހޯދުމަކީވެސް ރާއްޖޭގެ ދަރަޖަ ދަށްވާން މެދުވެރިވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އޮތް ހިސާބަށް ވުރެ އަޅުގަނޑުމެންގެ ފަހަތުގައި އޮތް ގައުމުތަކޭ ކުރިއަށް އެރީ،" އޭނާ ވިދާޅުވިއެވެ.

''އެހެންވީމަ ދިވެހިރާއްޖޭގެ ޕްރެސް ފްރީޑަމް އިންޑެކްސް ދަށްވުމަކީ އަޅުގަނޑުވެސް ހިތްހަމަޖެހޭކަމެއްނޫން އަދި އަޅުގަނޑު ގަބޫލުކުރަން ތިޔަބޭފުޅުން (ނޫސްވެރިން) ވެސް ހިތްހަމަޖެހޭ ކަމެއްނޫންކަން، އަޅުގަނޑުމެން ހިނގާށޭ މަސައްކަތެއް ކޮށްގެން ރަނގަޅު ކުރަން. އެއީ އަޅުގަނޑުމެންގެ ގައުމަށް ލިބޭ ރީތި ނަމެކޭ. އެއީ ރައީސް މުޢިއިއްޒަށް ނުވަތަ ޕީއެންސީއަށް ލިބޭ ހުތުރަކަށް ބައްލަވާފައި، އެހެން މީހަކަށް ލިބޭ މޮޅެއް ނޫނޭ'' މުންދު އިތުރަށް ވިދާޅުވެފަވެއެެވެ.

މީގެއިތުރުން، މުންދު ވިދާޅުވީ ސަރުކާރުގެ ނިޔަތަކީ މީޑިއާތައް ކޮންޓްރޯލު ކުރުމާއި ރެގިޔުލޭޓު ކުރުން ނޫން ކަމަށާއި، ސަރުކާރުގެ ނިޔަތް އޮތީ ރަނގަޅަށް ކަމަށެވެ. އަދި އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިއުމަކީ ސަރުކާރުން ކަމެއް ކޮށްގެން ނޫނީ ނުކޮށް ދޫކޮށްލުމުން ވާކަމެއް ކަމަށް ނިންމައިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް މިއަދު އާންމުކުރި އިންޑެކްސްގައި ރާއްޖެ އޮތީ 108 ވަނައިގައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ހަތަރު ދަރަޖައިގެ ދަށްވުމެކެވެ. މުންދު ވިދާޅުވީ މި އިންޑެކްސް ރަނގަޅު ކުރުމަކީ ގައުމަށް ލިބޭ ރީތި ނަމެއް ކަމަށާއި، އެކަން ރަނގަޅު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.