ރާއްޖޭގައި ބުލީކުރުން ހުއްޓުވުމަށްޓަކައި 'އެންޓި-ބުލީއިންގ' ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވި ގޮތުގައި މި ގާނޫނުގެ ދަށުން ބުލީކުރުމަކީ ގާނޫނީ ކުށެއް ކަމުގައި ކަނޑައެޅިގެންދާނެއެވެ. އަދި ބުލީކުރުމާއި ފުރައްސާރަކުރުމުގެ ތަފްސީލީ މާނަކުރުންތަކާއި، އެކަން ހުއްޓުވާނޭ ގޮތްތަކުގެ އިތުރުން، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ޖިނާއީ އިޖުރާއަތްތައް ކުރިއަށްގެންދާނޭ ގޮތްތައް ގާނޫނީ އޮނިގަނޑުގެ ތެރެއިން ބަޔާންކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ގާނޫނުގެ ދާއިރާގެ ތެރޭގައި ސްކޫލްތަކާއި ތައުލީމީ އިދާރާތަކުގެ އިތުރުން، ވަޒީފާގެ މާހައުލާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ބުލީކުރުން ހުއްޓުވުމަށް ހާއްސަ ސިޔާސަތުތަކެއް ކަނޑައެޅޭނެއެވެ. މީގެ އިތުރުން، އޮންލައިންކޮށް ބުލީކުރުން ނުވަތަ ސައިބަރ ބުލީއިން ހުއްޓުވުމަށް ބޭނުންވާ އިޖުރާއަތްތައްވެސް މި ގާނޫނުގައި ހިމެނުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުގެ ރޭވުމުގައި ބުލީކުރުމުގެ މައްސަލަތައް ރިޕޯޓްކުރާނެ ސެންޓްރަލް އެޖެންސީއެއް ގާއިމްކުރުމާއި، ރަސްމީ ތައުލީމީ މަންހަޖުގެ ތެރޭގައި މިކަމާ ގުޅޭ މައުލޫމާތު ހިމެނުން ހިމެނެއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ގާނޫނު އެކުލަވާލުމުގައި ބޭރު ގައުމުތަކުގައި މިކަން ތަންފީޒުކުރާ އެންމެ ރަނގަޅު އުސޫލުތަކަށް ބައްލަވާނެއެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މުޖުތަމައުގެ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.