މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދޭން މަސައްކަތްކުރި ހާދިސާއަކީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ސަރުކާރުން އިއްޔެ ދީފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފެނިވަޑައިގެންފައިވާ ކަމަށާއި، އެމަނިކުފާނު އެ ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

Ad
rt

މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށް ވެސް ރައީސް އޮފީހުން ބުނެފަވެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ޗީފް ގަވަރންމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މީޑިއާއަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، މި ހަމަލާއަކީ ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް މޭޔަރު އާޒިމް ވިދާޅުވުމަކީ ހައިރާންވާ ކަމެއް ކަމަށެވެ. އެއީ ކޮން ހެއްކަކަށް ބިނާކޮށް ވިދާޅުވި ވާހަކަފުޅެއްކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، އެއީ ކަނޑައެޅިގެން ދޮގު ތުހުމަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން. ސަރުކާރުގެ ފަރާތުން މިފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން އެންމެހައި ފަރާތްތަކަށް އަރުވަން،" ތަރުޖަމާނު ވިދާޅުވިއެވެ.

މުންދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ހާދިސާ ހިނގި ފަހުން މިހާތަނަށްވެސް އެމްޑީޕީގެ ފަރާތުން ނުވަތަ ސިޓީ ކައުންސިލުންވެސް މިކަން ފުލުހުންނަށް ރިޕޯޓުކޮށްފައެއް ނުވެއެވެ. މުޖުތަމަޢުގެ ސަލާމަތް ބެލެހެއްޓުމުގެ ޤާނޫނީ މަސްއޫލިއްޔަތު އޮތް މުއައްސަސާއަށް މިފަދަ ކަންކަން ރިޕޯޓު ނުކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، ނަމަވެސް މީސްމީޑިއާއިން ވީޑިއޯ ފެނުމާއެކު ފުލުހުން މިހާރު އަމިއްލަ އިސްނެންގެވުމަށް މި މައްސަލަ ތަޙުޤީޤު ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މޭޔަރަކީ އެދިވަޑައިގެންފިނަމަ ސެކިއުރިޓީ ލިބޭނެ ފަރާތެއްކަން ފާހަގަކުރައްވައި، ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އޮތް ނުރައްކާ ބެލުމަށް ފުލުހުން އަބަދުވެސް 'ތްރެޓް އެސެސްމަންޓް' ހައްދަވާނެ ކަމަށާއި، ނުރައްކަލެއް އޮތްކަން ފާހަގަކުރެވިއްޖެނަމަ ފުލުހުން އިސްވެ ސެކިއުރިޓީ ހަމަޖައްސައިދޭނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.