އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ގައުމީ ފުޓްސަލް ކުޅުންތެރިންނަށް މުސާރަ ލިބެން ފަށާނެ ކަމަށާއި، އޭގެ އިތުރުން ކުޅުންތެރިންނަށް ހެލްތު އިންޝުއަރެންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ، ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް މުސާރައާއި އިނާޔަތްތައް ދިނުމާއި، އެވޯޑު ދިނުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތަކާ މެދު ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، އެ މައްސަލަތައް ހައްލުކުރުމަށްޓަކައި މިހާރު ހުރި އުސޫލުތައް މުރާޖަޢާ ކުރަމުންދާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

Ad
rt

ވަޒީރު އިތުރަށް ވިދާޅުވީ، ކުޅުންތެރިންނަށް މުސާރަ ދިނުމަށްޓަކައި ހުޅުވާލެވިފައިވާ ގައުމީ ފުޓްސަލް ލީގެއް ނުވަތަ މުބާރާތެއް ބާއްވަން ޖެހޭ ކަމަށެވެ. މިގޮތުން މިއަހަރުގެ ތެރޭގައި ފުޓްސަލް ލީގު ފެށުމަށް އެފްއޭއެމް އިން ތާވަލުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފުޓްސަލް ކުޅުންތެރިންނަށް މުސާރަ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ވެސް ވަޒީރު ވަނީ ދެއްވާފައެވެ.

މުސާރައިގެ އިތުރުން، ގައުމީ އެހެން އެތުލީޓުންނަށް ވެސް ދެމުންގެންދާ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފުޓްސަލް ކުޅުންތެރިންނަށް ވެސް ލިބޭނެ މަގު ފަހިކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވިއެވެ. މިއީ ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

އެފްއޭއެމްގެ އައު މެނޭޖްމަންޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އައު މެނޭޖްމަންޓުން ފުޓްސަލް ކުރިއެރުވުމަށާއި ކުޅުންތެރިންނަށް ބޭނުންވާ ތަމްރީނު ފުރުސަތުތައް ހޯދައިދިނުމަށް ހާއްސަ އިސްކަމެއް ދޭކަން ފާހަގަކުރެވޭ ކަމަށެވެ.