ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ބަލާނީ ސިޔާސީ ފިކުރަށް ނޫން ކަމަށާއި، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު އަދުލުވެރިކަން ގާއިމުކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ އޭޕްރިލް 4 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް އއ. ރަސްދޫ، އުކުޅަސް އަދި ތޮއްޑޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކައުންސިލްތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ބައެއް ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. އެގޮތުން، ކައުންސިލްތަކުން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއަޅާނަމަ، އެކަންކަމުގެ ތަފްސީލު ކޮންމެ ހަފުތާއަކު ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ތަފްސީލުކޮށް ކިޔައިދޭނަން. އެ ހަފުތާގެ ތެރޭގައި ނޫނީ އެންމެ ފަހުން އެ ދިޔަ ދުވަސްކޮޅުގެ ތެރޭގައި މި ވެނި ސިޓީއެއްގެ ކައުންސިލުން މިހެން ކަންކަމަށް ހުރަސްއަޅައިފިކަން، ކިޔައިދީފައި ގާނޫނުގައި އޮންނަ ހަމަތަކުގެ މަތިން ދެން ކުރަންޖެހޭ މަސައްކަތެއް ކޮށްގެން ވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ހިދުމަތްތައް ކޮށްދިނުމުގައި ސަރުކާރު ދާނީ ކުރިއަށް ކަން ކައުންސިލުން ހުރަސް އެޅިޔަސް ވެސް" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ކައުންސިލްތަކުން ހުރަސް އެޅި ނަމަވެސް، ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން ފަސްނުޖެހި ކުރިއަށްދާނެއެވެ. މިއީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރުން ކުރާނެ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މާލެ ސިޓީ ކައުންސިލްގެ މެންބަރުންގެ އަމަލުތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ކައުންސިލްގެ މެންބަރުން މުޒާހަރާތަކުގައި އިސްކޮށް އުޅުއްވާތީ، މާލޭގެ ތަރައްގީއަށް ކައުންސިލްގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދު ކުޑަ ކަމަށެވެ. ނަމަވެސް، ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!