ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް، މިނިސްޓަރުންގެ ފެންވަރުގައި، މ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
މުޙައްމަދު ޙުސައިން ޝަރީފަކީ ސަރުކާރުގެ މަތީ މަޤާމުތަކާއި ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ މީގެ ކުރިން ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި، ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތައް އެކި ދުވަސްވަރު ފުރުއްވާފައެވެ.
މީގެ އިތުރުން މުޙައްމަދު ޙުސައިން ޝަރީފަކީ މީގެ ކުރިންވެސް ސަރުކާރުގެ ތަރުޖަމާނުކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން 2005 އިން 2007 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްމަންކަން އަދި 2007 އިން 2008 އަށް ޕްރެޒިޑެންޝަލް ސްޕޯކްސްޕަރސަންކަމުގެ މަޤާމު އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.
މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން މުންދު އެންމެ ފަހުން އަދާކުރައްވާފައިވަނީ އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!