ވިލިމާލެ ހޮސްޕިޓަލާއި ދިމާ ބަނދަރުގައި ފީނަން ގޮސް އުޅުނު ނޭޕާލު މީހަކު މަރުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނެކެވެ.

Ad
rt

މި މީހާ ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 އޭޕްރީލް 8 ވާ ބުދަ ދުވަހުގެ ހެނދުނު 06:30 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ވިލިމާލެ ޕޮލިސް އާއި މެރިން ޕޮލިސް ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ފުލުހުން ހިންގި ހޯދުމުގެ އޮޕަރޭޝަނުގައި އެ މީހާ ފެނިފައިވަނީ އެ ދުވަހުގެ ހެނދުނު 06:55 އެހައިކަންހާއިރު، މޫދު އަޑީގައި އޮއްވައެވެ. އެ މީހާ ފެނުމާއެކު ވަގުތުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް، ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އެ މީހާ ވަނީ ނިޔާވެފައެވެ.

އެސަރަހައްދުގައި ހުރި މީހަކު "ތިލަދުން" އަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގިއިރު، އެމީހާއާއެކު ނޭޕާލަށް ނިސްބަތްވާ އިތުރު ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖަކު މޫދުގައި އުޅުނެވެ. މި ގްރޫޕްގެ މެދުގައި ބަނދަރުގެ އެއްކޮޅުން އަނެއްކޮޅަށް ފަތާފައި ދިއުމަށް ބެޓް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ފުންމާލީ ނެރުބައްތިއާއި ދިމާލުންކަމަށް އެމީހާ ބުންޏެވެ.

މި ހާދިސާގައި މަރުވި މީހާއަކީ ފަތަން ރަނގަޅަށް ނޭނގޭ މީހެއް ކަމަށް ބެލެވެއެވެ. މޫދުގެ މެދަކާ ހިސާބަށް ފަތާފައި ދިޔަ ތަނުން، އޭނާ ކުއްލިއަކަށް ބޮކިޖަހާފައި އަޑިއަށް ދިޔައީ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.