އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަޙްމަދު މުޙައްމަދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

މި މަގާމަށް އޭނާ އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

Ad
rt

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1995 ވަނަ އަހަރުއެވެ. ފާއިތުވި 30 އަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާގެ އެކި ދާއިރާތަކުގައި އޭނާ ވަނީ މުހިންމު ޒިންމާތަކެއް އުފުއްލަވާފައެވެ.

އޭނާ ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި އޮޕަރޭޝަނަލް، ތަހުގީގީ، އަދި އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އިސް މަގާމުތައް ހިމެނެއެވެ. ސީޕީގެ މަގާމަށް އައްޔަންކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ހެޑް އޮފް ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ މަގާމުގައެވެ.

އަލަށް އައްޔަންކުރެވުނު ކޮމިޝަނަރަށް މަރުހަބާ ދަންނަވަމުން، ފުލުހުންގެ މުއައްސަސާއިން ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންގެ ނަމުގައި އޭނާއަށް ތަހުނިޔާ އަރިސްކޮށްފައެވެ.