ހދ. ކުޅުދުއްފުށީ ސިޓީގައި ސަރުކާރުން ކުރިއަށްގެންދާ 2000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ބިންގާ ރޭ ރަސްމީކޮށް އަޅައިފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހައުސިންގ އެންޑް ކޮންޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ.

Ad
rt

މި ރަސްމިއްޔާތުގައި މިނިސްޓަރ މުއްޠަލިބްގެ އަރިހުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް އާއި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔާރ ޖެނެރަލް (ރިޓަޔާރޑް) އަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާވޫދު، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު އަދި ޓީމްވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑްގެ ޑިޒައިން ޑިރެކްޓަރ ބަޝީރު އަހްމަދު އުރަފާ ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދޭގޮތުގައި، މި މަޝްރޫޢުގެ ޑިވެލޮޕަރަކީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.

މި މަޝްރޫޢަކީ ކުޅުދުއްފުށީގެ އާބާދީއަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކުގެ ތެރެއިން ހިމެނޭ މުހިންމު މަޝްރޫޢެކެވެ.