ހދ. ހަނިމާދޫގައި ބޭއްވި ވަރކްޝޮޕް ދިފާއުކޮށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބަޔާނެއް ނެރެފިއެވެ.

ފަރުދުންގެ މެދުގައި ދީނީ ގޮތުން ޚިޔާލުތަފާތުވާ ވަގުތުތަކުގައި އެފަރާތްތަކާ ޚިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެފަރާތްތަކާމެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަ ތަކެއްކަމަށާއި އެކަންކުރުމުގައި އެއްވެސް ޙަޤީޤަތެއް ނެތް ބުހުތާނު ދޮގު ހަދަމުންދާކަން ފާހަގަ ކޮށްފައިވެއެވެ.

Ad
rt

އެގޮތުން އެމްޑީޕީއިން ދެމިސާލެއްވަނީ ފާހަގަ ކޮށްފައެވެ. އޭގެ އެއް މިސާލެއްގެ ގޮތުގައި އެބަޔާނުގައި ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަރކްޝޮޕެއް ބޭއްވުމަށް ރާއްޖެ އައި ފައުންޑޭޝަނެއްގެ މީހަކު ހދ. ހަނިމާދޫގައި ދެއްކި ވާހަކައާ ގުޅުވައިގެން ފަތުރަމުން ދިޔަ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށެވެ.

ދީނީގޮތުން ޚިލާފު އުފެދޭ ކަންކަމާއި، މައްސަލަތަކުގައި ތިމާ ޤަބޫލުކުރާ ގޮތް ނޫން އެހެން ރަޢުޔަކަށް ބުރަވާ މީހުންނީ “ލާދީނީ” މީހުންކަމުގައި ލޭބަލްކޮށް އެމީސްމީހުނާމެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކައި މުޖްތަމަޢު ފިތުނަ ކުރުމަކީ ޤަބޫލުކުރެވޭނޭ ކަމެއް ނޫނެވެ. އޭގެ ސަބަބުން، ރައްޔިތުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުހަނު ބޮޑެތި ގެއްލުންވެ، ފުރާނައަށް ނުރައްކާވާ ދަރަޖައަށް ކަންކަން ވަނީ ގޮސްފައެވެ.

އެމްޑީޕީގެ ބަޔާނުގައު ބުނެފައިވެއެވެ.

މީގެ އިތުރުން އެމްޑީޕީގެ ވެބްސައިޓުގައި އާންމުކުރި މިބަޔާނުގައި ބުނެފައިވަނީ ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި، ހަނގުރާމަވެރި ޖަމާޢަތްތަކާ ގުޅިފައިވާ ދިވެހީންނާއި އެމީސް މީހުންގެ ޢައިލާތައް އަނބުރާ މުޖްތަމަޢުތެރެއަށް ގެނައުމުގައި އެމީސްމީހުން ރީހެބިލިޓޭޓް ކުރުމަކީ ސަރުކާރުން ހިންގާންޖެހިފައިވާ މުހިއްމު އަދި އެހާމެ ބޮޑު މަސައްކަތެއްކަމަށެވެ. އަދި ސަރުކާރުން އެމަސައްކަތް ކުރަމުންދާއިރު، އެމަސައްކަތަށް ގަސްދުގައި ހުރަސްއަޅައި އެމަސައްކަތް ހިންގިޔަ ނުދީ، އެމަސައްކަތް ފެއިލް ކޮށްލުމަށްޓަކައި އެއްވެސް ޢަޞްލެއް ނެތް ވާހަކަތަކާއި ބުހުތާނު ދޮގުވާހަކަތައް ފަތުރައި މުޖްތަމަޢު ފިތުނަ ކުރުމަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެޕާޓީން ޤަބޫލުކުރާ ގޮތުގައި އެފަރާތްތަކުން އެކަންކަން ކުރަމުން އެގެންދަނީ ހީލަތްތެރި ވިސްނުމެއްގައި ރޭވުންތެރިކަމާއެކު ސަރުކާރުގެ އެ މަސައްކަތް ފެއިލްކޮށްލުމަށް އަދި ދީނީ ހަރުކަށި ވިސްނުމާއި ހަނގުރާމަވެރި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވާލުމަށެވެ.

އެމްޑީޕީއިން މިރޭ ނެރުނު ބަޔާނެއްގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ވަނީ ވަރަށް ގިނަ އަސާސީ ޙައްޤުތަކެއް ކަށަވަރުކޮށްދީފައިކަމަށާއި އެ ޙައްޤުތަކަކީ އެޕާޓީގެ ނުހަނު ބުރަ މަސައްކަތުން ޤާނޫނުއަސާސީގައި ހިމެނިފައިވާ ޙައްޤުތައްކަމަށާއި އަދި، އެޕާޓީއަކީ އެޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ކެނޑިނޭޅި ވަކާލާތު ކުރާ ޕާޓީއެއްކަމަށެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަކީ އެންމެ އަސާސީ އެއް ޙައްޤުކަމަށާއި އެހެންނަމަވެސް، އެޙައްޤު ވެސް ބޭނުންކުރުމުގައި އެހެން ޙައްޤުތަކެކޭ އެއްފަދައިން އެޙައްޤު ބޭނުން ކުރެވޭނޭ ހުދޫދުތަކެއް ވާކަމަށާއި ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމަޢު ބައިބައިކޮށް ފިތުނަ ކުރުމަށް ވާހަކަދެއްކުން (hate speech) އެއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ހުއްދަކުރާ ކަމެއް ނޫންކަމަށާއި އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ވެސް ނޫންކަމަށް ބަޔާނުގައި ވެއެވެ.

މުޖްތަމަޢު ބައިބައިކޮށް، ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދައި ފިތުނަ ކުރުމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ދެވަނަ މަޢުޟޫއަކީ، މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނާ ދެމެދު ރުޅިވެރިކަމާއި، ނަފްރަތު އުފެދޭ ގޮތަށް ދައްކަމުންދާ ވާހަކަތަކެއްކަމަށް އެބަޔާނުގައި ވެއެވެ.

އެއްބަޔަކު އަނެއް ބަޔަކާ މެދު ފިތުނަވެރި ކުރުމަށް ކުރާ މަސައްކަތެކެވެ. މިފަދަ ރުޅިވެރިކަން ގެނުވާ ފަދަ ނަފްރަތު އުފައްދާ ވާހަކަތައް (hate speech) އެކިއެކި ފަރާތްތަކުން ދައްކަމުން ގެންދާކަމީ މިޕާޓީ ކަންބޮޑުވާ ކަމެއްކަމަށް އަދި މިފަދަ ވާހަކަތަކަށް ދައުލަތުން އަޅާނުލެވިއްޖެނަމަ ޤައުމުގައި ބައިބައިވުން އިތުރުވެ، ޤައުމުގެ އަމަންއަމާންކަމާއި، ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާވާ ދަރަޖައަށް ކަންކަން ދިޔުމުގެ ފުރުޞަތު އިންތިހާއަށް ބޮޑުކަމަށް ބުނެފައިވެއެވެ.

ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމަޢުގެ އަމަންއަމާންކަން ނަގާލާ މޭރުމުން ވާހަކަދައްކާ ފަރުދުންނާއި، ސޯޝަލް މީޑިޔާގައި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ސީރިއަސް އަދި އަވަސް މައްސަލަތަކެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބެލުމަށް އިލްތިމާސް ކުރާކަމަށް ބުނެފައިވެއެވެ.