އީރާނާއި ދެކޮޅު ހަނގުރާމަ އަށް މެދުއިރުމައްޗަށް ދިއުމުގެ ކުރިން ސިސިލީގެ ސިގޮނެއްލާ އެއާ ބޭސްއަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ޖެއްސުމުގެ ހުއްދަ ދިނުމަށް މިދިޔަ ހަފުތާގައި އިޓަލީން އިންކާރުކޮށްފައިވާ ކަމަށް އަންގާރަ ދުވަހު މަސްދަރުތަކުން ބުނެފިއެވެ.
މި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކުރި ކޮރިއޭރޭ ޑެލާ ސެރާ ނޫހުން ބުނި ގޮތުގައި، އިރުމަތީ ސިސިލީގެ ބޭސްއަށް އެމެރިކާގެ "ބައެއް ބޮންއަޅާ ބޯޓުތައް" ޖެއްސުމަށް ހަމަޖެހިފައި އޮތީ، އެމެރިކާއިން އިޒްރޭލާ ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ މެދުއިރުމައްޗަށް ދިއުމުގެ ކުރިންނެވެ.
މި މަތިންދާބޯޓުތައް ޖައްސަން އޮތީ ކޮން އިރަކު ކަމެއް އެ ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް ހުއްދަ ނުދިނީ އެމެރިކާއިން ކްލިއަރެންސަށް އެދިފައި ނުވާތީ އާއި، އެ ގައުމުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމާ ބެހޭ މުއާހަދާތަކުގެ ދަށުން ލާޒިމްކުރާ ގޮތަށް އިޓަލީގެ އަސްކަރީ ލީޑަޝިޕާ މަޝްވަރާކޮށްފައި ނުވާތީ ކަމަށް ބުނެފައިވެއެވެ.
މީޑިއާއާ ވާހަކަ ދެއްކުމުގެ ހުއްދަ ނެތް އަދި ނަން ހާމަނުކުރުމަށް އެދުނު މަސްދަރަކު ރޮއިޓާސްއަށް މި ރިޕޯޓް ކަށަވަރުކޮށްދިން ނަމަވެސް، އޭގައި ހިމެނެނީ ކިތައް މަތިންދާބޯޓު ކަމެއް ބުނެފައެއް ނުވެއެވެ. ދެވަނަ މަސްދަރަކުން ރޮއިޓާސްއަށް ބުނެފައި ވަނީ އިޓަލީން ހުއްދަ ދިނުމަށް އިންކާރު ކުރީ މާޗް 27 ގައި ކަމަށެވެ.
"އަސްކަރީ މަރުކަޒުތައް ބޭނުންކުރުމާ ގުޅޭގޮތުން މީޑިއާގައި ފެތުރެމުންދާ ރިޕޯޓްތަކާ ގުޅިގެން ސަރުކާރުން ތަކުރާރުކޮށް ބުނަނީ، އިޓަލީން އަމަލުކުރަނީ މިހާރު އޮތް ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި، ސަރުކާރުން މަޖިލީހަށް ކަނޑައަޅާފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ،" އިޓަލީގެ ސަރުކާރުގެ ބަޔާނެއްގައިވެއެވެ.
އަދި އެ ތަންތަން ބޭނުންކުރުމަށް އެދޭ ހުރިހާ ހުށަހެޅުންތަކެއް "ވަކިވަކި ކޭސްތަކުގެ ގޮތުގައި ވަރަށް ފަރުވާތެރިކަމާއެކު ބަލަމުންދާ" ކަމަށާއި، "ބައިނަލްއަގުވާމީ ބައިވެރިންނާއެކު އެއްވެސް ނުތަނަވަސްކަމެއް ނުވަތަ މައްސަލައެއް ނެތް" ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
"ޚާއްޞަކޮށް އެމެރިކާއާއެކު އޮތް ގުޅުމަކީ ވަރުގަދަ އަދި ފުރިހަމަ އިޚްލާޞްތެރި އެއްބާރުލުމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ."
ރޯމްގައި ހުންނަ އެމެރިކާ އެމްބަސީން މިކަމާ ގުޅޭގޮތުން ވަގުތުން އެއްޗެއް ބުނެފައެއް ނުވެއެވެ.
ސްޕެއިންއިން ވައިގެ ސަރަހައްދު ބަންދުކުރުން
މި ނިންމުން އައިސްފައިވަނީ އީރާނުގެ ހަނގުރާމައާ ގުޅިގެން ވޮޝިންގޓަނާއި އޭގެ ބައެއް ޔޫރަޕްގެ ބައިވެރިންނާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ހޯމަ ދުވަހު ސްޕެއިންއިން ބުނީ އީރާނަށް ދޭ ހަމަލާތަކުގައި ބައިވެރިވާ އެމެރިކާގެ މަތިންދާބޯޓުތަކަށް އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށެވެ. މިއީ ގުޅިގެން ހިންގާ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ނުދިނުމަށް ކުރިން ނިންމި ނިންމުމަށްވުރެ ކުރިއަށް އެޅި ފިޔަވަޅެކެވެ. ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އަކީ އެމެރިކާ އާއި އިޒްރޭލުން ދޭ ހަމަލާތަކަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!