ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، މިހާރަށްވުރެ މިނިވަންކަމާއި އަދުލުވެރިކަމާއެކު މަޖިލިސް މެންބަރުން އިންތިޚާބު ކުރުމުގެ ފުރުޞަތު އިތުރުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސަންގު ޓިވީން ކުރިއަށް ގެންދިޔަ "އެސްޕްރެސޯ ވިތު ރައީސް" ޕްރޮގްރާމުގައި ރޭ ޒުވާނުންނާ މުޚާޠިބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕްރޮގްރާމުގައި ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ބައިވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ކޮންމެ ސަރުކާރެއްވެސް އަލަށް އެކުލަވާލުމަށްފަހު ވޭތުވާ ފުރަތަމަ ހަ މަސްދުވަހު ސަރުކާރު "ލިމްބޯ" އެއްގައި އޮންނަ އޮތުން މި ބަދަލާއެކު ނިމުމަކަށް ގެނެވޭނެއެވެ. އަދި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓުންނަށް މަޖިލިސް އިންތިޚާބުގައި ލިބޭ ނަހަމަ ފައިދާތައް ކުޑަވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓުންނަށް މަޖިލިސް އިންތިޚާބުގައި އެލިބޭ ފައިދާ ނުލިބި، މިހާރަށްވުރެ މިނިވަންކަމާއި އަދުލުވެރިކަމާއެކު ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމުގެ ފުރުޞަތު އިތުރުވާނެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މިގޮތަށް އިންތިޚާބު ބޭއްވުމުން ވޯޓުލާ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން އިންތިޚާބުކުރެވޭ މަޤާމުތަކުގައި ތިބޭ މީހުން ރައްޔިތުންނަށް ޖަވާބުދާރީކުރުވުމުގެ ފުރުޞަތުވެސް ބޮޑުވެގެންދާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން މަޖިލީހުން ފާސްކުރި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވަން ފެނޭތޯ ނަގާ ވޯޓު ނެގުން އޮންނާނީ އަންނަ ހޮނިހިރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!