ހުޅުމާލޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް، ރަހީނުކުރި މައްސަލައެއްގައި އެ ގައުމަށް ނިސްބަތްވާ ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނިގޮތުގައި އެމީހާ ރަހީނުކޮށް، އަނިޔާކޮށްފައި ވަނީ ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ގައެވެ.
މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 މާރިޗު 25 ވަނަ ދުވަހުއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ހުށަހެޅުމާއެކު ރަހީނުކުރި މީހާ ސަލާމަތްކުރުމަށް ފުލުހުން ކުރި މަސައްކަތުން އެ މީހާ ފެނިފައިވަނީ ވިލިމާލެއިންނެވެ. ވިލިމާލެއިން އެ މީހާ ސަލާމަތްކުރުމަށްފަހު، ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވެއެވެ. ފަރުވާއަށްފަހު މިހާރު އެ މީހާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ފަސް ފިރިހެނުންނެވެ. އެއީ އެމް.ޑީ ހޮސައިން (30އ)، އެމް.ޑީ މެހެދި ހަސަން (34އ)، އެމް.ޑީ ޝާ އަލަމް (39އ)، ސަރފިފް ހަސަން (38އ) އަދި ރަސަލް (20އ) އެވެ.
ހައްޔަރުކުރި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ އެންމެންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!