މީސްމީޑިއާގެ އެކި މަންސަތަކުގައި މީހުންގެ އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރުދެއްކުމާއި ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު ބުނިގޮތުގައި މިފަދަ މައްސަލަތަކުގެ ތެރޭގައި މީހުންގެ ޒާތީ މައުލޫމާތު އާންމުކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން ފައިސާ ހޯދުމާއި، ރުހުމަކާ ނުލައި އެފަދަ ތަކެތި ފެތުރުމާއި ވިއްކުން ހިމެނެއެވެ.
ތަހުގީގުތަކާއި ހަވާލާދީ ފުލުހުން ބުނީ މިފަދަ ގިނަ މައްސަލަތަކަކީ ދެމީހެއްގެ ދެމެދުގައި އޮންނަ ގާތް ގުޅުމެއްގެ ތެރެއިން އިތުބާރާއެކު ހިއްސާކޮށްފައިވާ މައުލޫމާތުތަކެއް، އެ ގުޅުން ކެނޑުމުން ބޭނުންކޮށްގެން ހިންގާ އަމަލުތަކެއް ކަށެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ، އަސްލެއް ނެތް ތަސްވީރުތަކާއި ވީޑިއޯތައް ބޭނުންކޮށްގެން މީހުންގެ އަބުރަށް ގެއްލުންވާފަދަ ތަކެތި އުފެއްދުމުގެ މައްސަލަތައް ވެސް ވަނީ ފާހަގަކުރެވިފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަފްސާނީ އަދި އިޖުތިމާއީ ބޮޑެތި ގެއްލުންތަކެއް
މިއީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ބެލެވޭ އަމަލުތަކެއްކަން ފާހަގަކުރައްވައި ފުލުހުން ބުނީ، މިފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި، އަބުރަށް އުނިކަން އަންނަ ކަމަށެވެ. ވަކިން ހާއްސަކޮށް، އާއިލީ ގުޅުންތަކާއި އަމިއްލަ އަބުރުވެރިކަމަށް ބޮޑު އިސްކަމެއްދޭ ދިވެހި މުޖުތަމައެއްގައި މިފަދަ ކަންކަމުގެ ނުރައްކާ މާ ބޮޑުކަމަށް ފުލުހުން ބުނެއެވެ.
މިފަދަ ކުށްތަކުން ރައްކާތެރިވުމަށްޓަކައި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ އުފެއްދުމާއި، ރައްކާކުރުމާއި، އަދި އެހެން މީހުންނާ ހިއްސާކުރުމުން ދުރުހެލިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
"މައުލޫމާތެއް ނުވަތަ މަންޒަރެއް ހިއްސާކުރެވޭ ހިސާބުން، ތިމާގެ ބާރުގެ ދަށުން ނެއްޓި، ކޮޕީކޮށް، ރައްކާކޮށް ނުވަތަ އެހެން ފަރާތްތަކަށް ފެތުރިދާނެ އެއްޗެއްކަން ހަނދާނުގައި ބެހެއްޓުން މުހިންމު،" ފުލުހުން ބުނެފަވެއެވެ.
ފުލުހުން އިތުރަށް ބުނީ މިފަދަ ތަކެތި ފެތުރުމުގައި ބައިވެރިނުވުމަށާއި، އެފަދަ އަމަލުތަކަށް ހިތްވަރު ނުދިނުމަށެވެ. އަދި ޒާތީ މައުލޫމާތު ނުވަތަ މަންޒަރު ބޭނުންކޮށްގެން ބިރުދެއްކުން ފަދަ ކަމެއް ދިމާވެއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށްވެސް ވަނީ އެދިފައެވެ.
ޒާތީ މައުލޫމާތާއި މަންޒަރުތައް ބޭނުންކޮށްގެން ގާނޫނާ ހިލާފު ނާޖާއިޒު މަންފާ ހޯދާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، އެފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ. އަދި އިޖުތިމާއީ މިންގަނޑުތަކާއި އަހުލާގު ނަގަހައްޓައި، އަނިޔާ ލިބޭ ފަރާތްތަކުގެ ކަރާމާތަށް އުނިކަންލިބޭ ފަދަ އަމަލުތަކުން ދުރުހެލިވުމަށް އެންމެހައި ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!