އއ. ހިމަންދޫ އާއި ދ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކާއި، ލ. ހިތަދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ މައްސަލައެއްގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ހިމަންދޫ އާއި މީދޫގެ މައްސަލަ

Ad
rt

މި މާރިޗު މަހުގެ 22 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ ދ. މީދޫ، ބީޗްހައުސް، އިބްރާހީމް އަޝްރަފް (41އ) އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މައިނުއްދީން (35އ) އެވެ.

މީދޫ އަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލާގައި އިބްރާހީމް އަޝްރަފް ހައްޔަރުކޮށްފައިވަނީ މީދޫ މަގުމަތިންނެވެ. އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 19 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

ހިމަންދޫ އަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލާގައި މުހައްމަދު މައިނުއްދީން ހައްޔަރުކުރީ ހިމަންދޫ ބަނދަރު ސަރަހައްދުންނެވެ. އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުހައްމަދު މައިނުއްދީން ހަތް ދުވަހަށް އަދި އިބްރާހީމް އަޝްރަފް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ލ. ހިތަދޫއިން މީހަކު ހައްޔަރުކުރުން

މީގެ އިތުރުން، މި މަހުގެ 19 ވަނަ ދުވަހު ލ. ހިތަދޫ ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ލ. ހިތަދޫ، މުރިގު، ޙަސަން ސަހުމީނު (22އ) ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 25 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

ޙަސަން ސަހުމީނުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ދަނީ މި ހުރިހާ މައްސަލަތަކެއް އިތުރަށް ތަހުގީގު ކުރަމުންނެވެ.