އީރާނުގެ ސައުތު ޕާރްސް ގޭސް ފީލްޑާ ގުޅިފައިވާ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ދިވެހި ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ހަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަދި މުޅި ސަރަހައްދުގެ ހަމަޖެހުމާއި ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެކެވެ.
ރާއްޖެއިން ވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ނަތީޖާތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
އީރާނުގެ އިތުރުން ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު އަދި ކުވެއިތުގެ ވިޔަފާރި މަރުކަޒުތަކަށާއި ހަކަތަ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް ދޭ ހަމަލާތައްވެސް ދިވެހިރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ.
ސަރުކާރުން ފާހަގަކުރި ގޮތުގައި މިފަދަ މުހިންމު ބިނާތަކަށް ހަމަލާދިނުމުގެ ސަބަބުން ސަރަހައްދީ ސަލާމަތަށް ބުރޫއަރައި، ތެޔޮ އުފައްދާ މަރުކަޒުތަކާއި ފެން އުފައްދާ ޕްލާންޓްތައް ފަދަ ޒަރޫރީ ވަސީލަތްތަކުގެ ރައްކާތެރިކަން ގެއްލިގެންދެއެވެ.
މި މައްސަލައިގައި ދިވެހި ސަރުކާރުން ވަނީ ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މި ނުތަނަވަސްކަން ހައްލުކުރުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމައުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށްވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!