ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ މައްޗަށް ފަސް ދަޢުވާއެއް އުފުލައި، އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.

ޕީޖީ އޮފީހުން މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ 16 މާރިޗު 2026 ގައެވެ.

Ad
rt

ސަނީ ޢުމަރުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު" ގެ ދަށުން ކުރި ތިން ދަޢުވާއަކާއި، "ޤާނޫނުލްޢުޤޫބާތު" ގެ ދަށުން ކުރި ދެ ދަޢުވާއެއް ހިމެނެއެވެ.

ޖިންސީ ގޯނާގެ ތިން ދަޢުވާ އުފުލާފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގައެވެ. މިގޮތުން، ކުއްޖެއްގެ އުމުރުން 7 އަހަރުން ފެށިގެން 2025 އޮގަސްޓާ ހަމައަށް އެކި ދުވަސްމަތިން ގޯނާކުރި މައްސަލައަކާއި، އިތުރު ދެ ކުއްޖަކަށް އެކި އުމުރުފުރާގައި ޖިންސީ ގޯނާކުރި ކަމަށް ޕީޖީން ތުހުމަތުކުރެއެވެ. މި ކުށްތަކުގެ އަދަބަކީ ކޮންމެ ދަޢުވާއަކަށް 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.

މީގެ އިތުރުން، ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދަޢުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ، މައްސަލައިގެ ހެކި ހުރި ކަމަށް ބެލެވޭ ފޯނު ފުލުހުންނާ ހަވާލުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނިކޮށް، ފޯނު ގެއްލުނު ކަމަށް ބުނެ ހަވާލުނުކުރުމުންނެވެ. އަދި ފޯނުގެ ސިމް ކާޑާ ގުޅޭގޮތުން ފުލުހުންނަށް ދޮގު މަޢުލޫމާތު ދީފައިވާތީ، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާވެސް ވަނީ އުފުލާފައެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، މި ދަޢުވާތައް ސާބިތުވެއްޖެނަމަ ޤާނޫނުގައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ކޯޓުގައި އެދޭނެއެވެ. އެގޮތުން، ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 44 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ ކަމަށް ބެލެވެއެވެ.

މި މައްސަލައިގެ ސީރިއަސްކަމަށް ރިޢާޔަތްކޮށް، ޙުސައިން ސަނީ ޢުމަރު މިހާރުވެސް ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ. އޭނާ ބަންދުކޮށްފައިވަނީ 2 ޖަނަވަރީ 2026 ގައެވެ.