މިއަހަރުގެ ފިޠުރުޢީދު ދުވަހުވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢީދު ސަލާން ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މި އަހަރުގެ ޢީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ފިޠުރުޢީދު ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 11:00 އާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށް ރައީސްގެ ދެކަނބަލުން ވަނީ ދަޢުވަތު އަރުވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށްވެސް މި ދަޢުވަތު ވަނީ ހުޅުވާލާފައެވެ.

ޚާއްޞަ ގޮތެއްގައި، ޢާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން ޢީދު ސަލާމުގައި ބައިވެރިވެވަޑައިގަތުމަކީ ރައީސްގެ ދެކަނބަލުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ޢީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ. މުލީއާގެއަށް ވަޑައިގަނެވޭނީ، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުންނެވެ.