މެދުއިރުމަތީގައި އެމެރިކާ އާއި އިސްރާއީލުން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އާއި ގުޅިގެން، ދިވެހިރާއްޖެއިން މަސައްކަތްކުރާނީ ޢަރަބި އިސްލާމީ ޤައުމުތަކާއެކު އެއް ބްލޮކެއްގެ ގޮތުގައިކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ މި ހަނގުރާމައަކީ އިސްލާމީ އުންމަތަށް ލިބުނު ބޮޑު ހިތާމައެއްގެ ގޮތުގައި ސިފަކުރައްވައި، ދެވޭ ޙަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
ސަރަޙައްދީ މަސްލަޙަތު ހިމާޔަތްކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ޔޫ.އޭ.އީ ގެ ރައީސަށް ފޯނުން ގުޅުއްވައި ރާއްޖޭގެ ތާއީދު އޮތްކަން ހާމަކުރައްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާ، ޤަތަރު، ބަހްރެއިން އަދި އޮމާން ފަދަ ޤައުމުތަކުގެ އިސްވެރިންނާވެސް ގުޅުއްވައި، ދިވެހި ރައްޔިތުން އެ ޤައުމުތަކާއެކު ސާބިތުކަމާއެކު ތިބިކަން ހާމަކުރައްވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ އަސަރުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަކީ ފަތުރުވެރިކަމާއި، ކާބޯތަކެއްޗާއި ތެލަށް މެދުއިރުމައްޗަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމަކަށްވާތީ، ރާއްޖޭގެ މަސްލަޙަތު ހިމާޔަތްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިސްކަންދޭ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ މި ބައްދަލުވުމަކީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ ޤައުމީ އަދި ބައިނަލްއަޤްވާމީ މުހިންމު ކަންކަމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!