ކީރިތި ޤުރުއާން ހިތުދަސްކޮށް، އަލަށް 31 ޙާފިޡުން ދަސްވެނިވެއްޖެއެވެ.

މި ޙާފިޡުންނަށް ސަނަދާއި އިނާމު ދިނުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

Ad
rt

މި ރަސްމިއްޔާތުގައި ޖުމްލަ 49 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާއި މެޑަލް ހަވާލުކޮށްފައިވެއެވެ. އޭގެ ތެރޭގައި އަލަށް ދަސްވެނިވި 31 ޙާފިޡުންގެ އިތުރުން، މީގެ ކުރިން ދަސްވެނިވެ ފަހުން ސަނަދު ހާސިލުކުރި 18 ޙާފިޡުން ހިމެނެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ބަޔަކު ޙާފިޡުކަމުގެ އިމްތިޙާނު ހަދައި ދަސްވެނިވި އަހަރު ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2026 ފެބުރުވަރީގެ ނިޔަލަށް ރާއްޖޭގައި ޖުމްލަ 301 ޙާފިޡުން ތިއްބެވިއިރު، އޭގެ ތެރޭގައި ހިމެނެނީ 139 އަންހެން ބޭފުޅުންނާއި 162 ފިރިހެން ބޭފުޅުންނެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އާބާދީގެ ނިސްބަތުން އެންމެ ގިނަ ޙާފިޡުން ތިބި އިސްލާމީ ޤައުމަށް ދިވެހިރާއްޖެ ހެދުން ކަމަށެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ ދަށުން 2026 ވަނަ އަހަރުގެ ނިޔަލަށް 50 ގޮފި ގާއިމުކުރުމަށް އަމާޒު ހިފާފައިވާއިރު، މިހާތަނަށް 6 ގޮތްޕެއް ވަނީ ރަޖިސްޓަރީ ކުރެވިފައެވެ.

ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމަށް ކުރެވޭ މި މަސައްކަތްތަކަށް 2025 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް 19 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި، ޙާފިޡުންގެ އާއިލާތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.