ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ ބިއްލޫރި ފުޅީގެ ފެނުގައި ޖަރާސީމުގެ އަސަރު ފެނުމުގެ ސަބަބުން، އެ ފެން ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮޓޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

17 ފެބުރުވަރީ 2026 އިން ފެށިގެން އަމަލުކުރަން ފަށާފައިވާ މި ނިންމުމަކީ އެ ބްރޭންޑުގެ ފެން ތަހުލީލު ކުރުމަށްފަހު، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

Ad
rt

އެމްއެފްޑީއޭ އިން ހާމަކުރި ގޮތުގައި، މި އެންގުމުގައި ހިމެނެނީ ހޭންޑީ ވޯޓާގެ 330 މިލިލީޓަރު، 500 މިލިލީޓަރު އަދި 1 ލީޓަރުގެ ބިއްލޫރި ފުޅިތަކެވެ. މި ފެންފުޅިތައް ލެބޯޓްރީގައި ތަހުލީލު ކުރިއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ބޯފެނުގެ މިންގަނޑުތަކަށް ނުފެތޭ ބެކްޓީރިއާ އެ ފެނުން ވަނީ ފެނިފައެވެ.

މި ނިންމުމާ ގުޅިގެން، ވަކި ގޮތެއް އަންގަންދެން މި ބްރޭންޑުގެ ބިއްލޫރި ފުޅިތަކުގައި ހުންނަ ފެން ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ. އެހެންކަމުން، އާންމުންނާއި ޚާއްޞަކޮށް ރެސްޓޯރެންޓްތަކުން މި ސައިޒުތަކުގެ ބިއްލޫރި ފުޅި ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ކުރިއަށްގެންދާ "ގޯ ގްރީން" އިސްނެގުމުގެ ދަށުން ގިނަ ރެސްޓޯރެންޓްތަކަކުން މި ބްރޭންޑުގެ ބިއްލޫރި ފުޅި ބޭނުންކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ހޭންޑީ ވޯޓާ އަކީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ހޭންޑީ ހޯލްޑިންގްސްގެ އުފެއްދުމެކެވެ. ހޭންޑީ ހޯލްޑިންގްސް އަކީ ތިމާވެއްޓާ ރައްޓެހި ގޮތްގޮތަށް ޚިދުމަތް ދިނުމުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އެގޮތުން މާލެއާއި ހުޅުމާލޭގައި ފެން ފޯރުކޮށްދިނުމަށް އިލެކްޓްރިކް އުޅަނދުތައް ބޭނުންކުރުމާއި، މާފުށީގައި ޕްލާސްޓިކް މަދުކުރުމުގެ މަޝްރޫޢުތަކުގައި އެ ކުންފުނިން އިސް ދައުރެއް އަދާކުރެއެވެ.