1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް (ރޯދަ މަސް) ފެށުމުގެ މުނާސަބަތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ ޤައުމުތަކުގެ ލީޑަރުންނަށާއި ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތަކަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ރައީސް ފޮނުއްވި މި މެސެޖުތަކުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ސަރުކާރުތަކަށް ރަމަޟާން މަހުގެ ހެޔޮއެދުންތައް ވަނީ އަރިސްކުރައްވާފައެވެ.
އިސްލާމީ ޤައުމުތަކުގެ ލީޑަރުންނަށް ވަކިވަކީން ފޮނުއްވި މި މެސެޖުތަކުގައި ރައީސް މުޢިއްޒު ވިދާޅުވީ، މި ބަރަކާތްތެރި މައްސަރަކީ އިސްލާމީ އުންމަތުގެ ބަދަހިކަން އިތުރުވެގެންދާނޭ މައްސަރަކަށް ވާނޭކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އިސްލާމީ އުންމަތް ގުޅިގެން ކުރާ މަސައްކަތުން، މުސްލިމުންގެ އަޑު އުފުލައި، އިސްލާމީ އުންމަތުގެ ކުރިއެރުމާއި ފުދުންތެރިކަމުގެ އުދަރެސް ތަނަވަސްކުރެވިދާނޭކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނާއިންސާފާއި ކެކުޅުންތައް ތަހައްމަލުކުރަމުންދާ މުސްލިމު އަޚުންނާއި އުޚުތުންގެ މަތިން ހަނދުމަކުރައްވައި، އެ ފަރާތްތަކަށް އަމާންކަން މިންވަރުކުރެއްވުމަށް އެދި ރައީސް ދުޢާ ދަންނަވާފައިވެއެވެ. އަދި އެ މުސްލިމުން ތަހައްމަލުކުރަމުންދާ ވޭނުން ސަލާމަތްކުރެއްވުމަށާއި، އެ އަޚުންނާއި އުޚުތުންގެ އަޒުމު ވަރުގަދަކުރެއްވުމަށް އެދިވަޑައިގެން ވެސް އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.
ރަމަޟާން މަހުގެ ތަހުނިޔާ ރައީސް ފޮނުއްވާފައިވާއިރު، މި އަހަރުގެ ރަމަޟާން މަހާ ދިވެހިރާއްޖެ ކުރިމަތިލަނީ އިސްލާމީ ވަހުދަތާއި އެއްބައިވަންތަކަން ކުރިއެރުވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރާއްޖެ އަށް އަށާއި އިސްލާމީ ގިނަ ގައުމުތަކަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މިއަދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!