ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ރައްޔިތުން ދެކޭގޮތް ބެލުމަށް ވޯޓެއް ނަގަން ނިންމާފައިވާތީ މި ވޯޓާ ގުޅޭ ކަންކަން އިލެކްޝަން ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފި އެވެ.

އީސީން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ސުވާލަށް ރައްޔިތުން ރުހޭތޯ ބެލުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ހަމަޖެހިފައިވަނީ،އަންނަ އެޕްރީލް މަހުގެ ހަތަރެއް ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 16:00 އަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ އެކުގައި ކަމަށެވެ.

Ad
rt

ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައިކަމަށާއި މި ވޯޓުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލު މަހުގެ 11 ވާ ހޮނިހިރު ދުވަހު ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމިޝަނުން ބުނީ މި ވޯޓު ނެގުމުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު މާދަމާ ހެނދުނު 10:00 އިން ފެށިގެން މި މަހުގެ 22 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ.

ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ތަން ޗެކްކޮށް، މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަން ކޮމިޝަނުން ފާހަގަކުރެއެވެ.