ހިންގި ބޮޑެތި ޖަރީމާތައް ފަޅާއެރުމުން އެމެރިކާގެ ޖަލުގޮޅީގައި އަމިއްލައަށް މަރުވި ޖެފްރީ އެޕްސްޓީންގެ މައްސަލައާ ގުޅުންހުރި އާ ލިޔެކިޔުންތަކެއް ހާމަވުމާ ގުޅިގެން އުފެދުނު ބޮޑު ނުތަނަވަސްކަމަށްފަހު، ދުބާއީގެ މަޝްހޫރު ޕޯޓް ކުންފުނި ޑީޕީ ވޯލްޑްގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ ކުރިން ޑީޕީ ވޯލްޑް ވެރިއެއްގެ މަގާމު ފުރުއްވަމުން ގެންދެވި ޗެއާމަން ސުލްތާން ބިން ސުލައިމް، ކުށްވެރިވެފައިވާ ޖެފްރީ އެޕްސްޓީންއާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވުމާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމަށްފަހުގައެވެ.
ކުންފުނީގެ ބޯޑުގެ ޗެއާމަންގެ މަގާމަށް މިހާރު އައްޔަންކުރައްވާފައިވަނީ އީސާ ކާޒިމް އެވެ. އަދި ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ޔުވްރާޖް ނާރަޔަން ވަނީ އައްޔަންކުރައްވާފައެވެ.
ދުބާއީގެ ޑީޕީ ވޯލްޑް ޕޯޓު، ފޮޓޯ: ރޮއިޓާސް
އެމެރިކާގެ ކޮންގްރެސްގެ މެންބަރުން ވިދާޅުވާ ގޮތުގައި، އަލަށް ހާމަވި "އެޕްސްޓީން ފައިލްސް" ގައި ޑީޕީ ވޯލްޑްގައި ގިނަ ދުވަސްތަކެއް ވަންދެން ޗެއާމަން އަދި ސީއީއޯގެ މަގާމު ފުރުއްވި ސުލްތާން އަހުމަދު ބިން ސުލައިމްގެ ނަން ވަނީ ހިމެނިފައެވެ.
ސުލައިމް އަކީ ދުބާއީގެ އެންމެ ނުފޫޒުގަދަ ވިޔަފާވެރިޔާގެ ގޮތުގައި ބެލެވޭ ފަރާތެކެވެ. އޭނާ ވަނީ ފާއިތުވި 40 އަހަރު ދުވަހު ޑީޕީ ވޯލްޑް ހިންގުމުގައި އިސްދައުރެއް އަދާކޮށް، ދުނިޔޭގެ ވިޔަފާރީގެ ގާތްގަނޑަކަށް 10 އިންސައްތަ ހިއްސާކުރާ އެންމެ ބޮޑު އެއް ލޮޖިސްޓިކްސް ކުންފުންޏަށް އެ ކުންފުނި ބަދަލުކޮށްފައެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން ސުލައިމް ސިފަކޮށްފައިވަނީ އެޕްސްޓީންގެ "ގާތް ރަހުމަތްތެރިއެއް"ގެ ގޮތުގައެވެ.
ނާސްޑެކް ދުބާއީއަށް ކުންފުނިން އެންގި ގޮތުގައި، ސުލައިމް ވަނީ ވަގުތުން ތަންފީޒުވާ ގޮތަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް، ސުލައިމްގެ މައްޗަށް މިހާތަނަށް އެއްވެސް ޖިނާއީ ދައުވާއެއް އުފުލާފައެއް ނުވެއެވެ.
ހާމަވެފައިވާ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، ސުލައިމް އާއި އެޕްސްޓީންއާ ދެމެދު ދެކެވިފައިވާ ގިނަ ވާހަކަތަކަކީ ވިޔަފާރިއާ ގުޅުންހުރި ކަންކަމެވެ. މީގެ ތެރޭގައި އެކި ބައްދަލުވުންތަކާއި އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން ސުލައިމް އެޕްސްޓީންގެ ލަފާ ހޯދާފައިވާކަން ފާހަގަކުރެވެއެވެ.
ހުކުރު ދުވަހު ޑީޕީ ވޯލްޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަލަށް ގެނެވުނު ބަދަލުތަކަކީ ކުންފުނީގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި، ދުނިޔޭގެ ސަޕްލައި ޗެއިން ވަރުގަދަކުރުމަށް އެހީތެރިވެދޭނެ ބަދަލުތަކެއް ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ވިޔަފާރި އާއި ލޮޖިސްޓިކްސްގެ މައި މަރުކަޒެއްގެ ގޮތުގައި ދުބާއީގެ މަގާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މެދުއިރުމަތީގެ އެންމެ ފުންނާބުއުސް ވިޔަފާވެރިންގެ ތެރޭގައި ހިމެނޭ ސުލައިމް މަގާމުން ވަކިވުމަކީ، އެޕްސްޓީންގެ މައްސަލަ އަލުން ފެންމަތިވުމާ ގުޅިގެން ބައިނަލްއަގުވާމީ ކުންފުނިތަކުގެ އިސްވެރިންނަށް ކުރިމަތިވަމުންދާ ފިއްތުންތަކުގެ ބޮޑުކަން ހާމަކޮށްދޭ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!