ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރަށް މީސްމީޑިއާގައި ރައީސް ވަނީ ދެ ޑްރެޖަރު ބޭނުންކޮށްގެން ގިރާވަރު ފަޅު ހިއްކަމުންދާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް އާންމު ކުރަށްވާފައެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ފެށި މި މަސައްކަތަކީ މާލެ ސަރަޙައްދުގައި ކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ އަވަހަށް ނިމޭނެ މަޝްރޫޢު ކަމަށްވެސް ރައީސް ކުރިން ވަނީ ފާހަގަކުރަށްވާފައެވެ.
އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ގިރާވަރު ފަޅު ހިއްކަނީ، ފޮޓޯ: ރައީސް މުޢިއްޒުގެ މީސްމީޑިއާ ޕޯސްޓް
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން މިހާރު ކުރިއަށްދަނީ ކުރިން ނުހިއްކާ އޮތް 97.15 ހެކްޓަރު ހިއްކުމުގެ މަސައްކަތެވެ. މި މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ އެމް.އޭ.ސީ.އެލް އާ ހަވާލުކޮށްގެންނެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް ތިން ފިޔަވައްސަކަށް ބަހާލައިގެން ބިން ހިއްކާފައިވެއެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 12 ހެކްޓަރު، ދެވަނަ ފިޔަވަހީގައި 18 ހެކްޓަރު އަދި ތިންވަނަ ފިޔަވަހީގައި 26 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ.
ދެ ޑްރެޖަރު ބޭނުންކުރަން ފެށުމާއެކު ބާކީ އޮތް ބައި ހިއްކުމުގެ މަސައްކަތް އިތުރަށް އަވަސްވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މި މަޝްރޫޢަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!