ޤައުމުގެ ކުރިމަގު އުޖާލާކުރެވޭނީ ތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމުގައި އެންމެން އެއްބާރުލައި އިޚްލާޞްތެރިވީ މިންވަރަކުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބޮޑު ޗުއްޓީއަށްފަހު އައު ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން ފޮނުއްވި މެސެޖެއްގައެވެ.
މިއަދުގެ މުނާސަބާގައި ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމްދީނަށާއި ދިވެހި ޤައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރީންތަކެއް މި ޤައުމުގައި ބިނާކުރެވޭނީ، ތަޢުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމަށެވެ.
މީގެ އިތުރުން، ތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމަކީ ވަރަށް ބޮޑު ދީނީ އަދި ޤައުމީ ޒިންމާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އައު ދިރާސީ އަހަރުގެ ކިޔެވުން ފެށުނުއިރު، ތަޢުލީމީ ދާއިރާގެ އެންމެހާ ހިންގުންތެރީންނަށާއި ޓީޗަރުންނަށް، ބެލެނިވެރީންނަށާއި ލޮބުވެތި ދަރިވަރުންނަށް ރައީސް ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
"ދިވެހީން އެދޭ ފާގަތި ކުރިމަގު މި ޤައުމަށް ހޯދައިދެވޭނީ މި ޒިންމާ އަދާކުރުމުގައި އަޅުގަނޑުމެން އެންމެން އެއްބާރުލައި އިޚްލާޞްތެރިވީ މިންވަރަކުން،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލެއްވީ ތަޢުލީމީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށާއި، ހެޔޮލަފާ، ތޫނުފިލި، އަދި އުޅުން ރީތި ދަރީންތަކެއް ދިވެހި ތަޢުލީމީ ހިޔާވަހިތަކުގައި ބޮޑެތި ކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.
މިއަދު ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ވަނީ އައު ދިރާސީ އަހަރުގެ ކިޔެވުން ރަސްމީކޮށް ފަށާފައެވެ. މިއަހަރު ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް، އެ ސްކޫލުތަކުގައި 80،715 ދަރިވަރުން ތައުލީމު ހާސިލް ކުރާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!