ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ ދެވަނަ ބުރަށް ހޮވުނު 350 ޒުވާނުން، ތަމްރީނުތައް ފުރިހަމަކުރުމަށްޓަކައި ޅ. މާފިލާފުއްޓަށް ފުރައިފިއެވެ.

މި ޒުވާނުން މާފިލާފުށީގައި ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ ތަމްރީނުތަކުގައި ބައިވެރިވާނެއެވެ.

Ad
rt

މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ އިތުރުން، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ، އެއްބައެއްވަންތަކަމާއެކު މަސައްކަތްކުރާ ބަޔަކަށް ޒުވާނުން ހެދުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު އަމާޒެކެވެ.

ޒުވާނުންގެ އަޚުލާޤާއި ހުނަރު ތަރައްޤީކުރުން

ވަޠަނީ ޚިދުމަތުގެ ތަމްރީނުތަކުގެ ތެރެއިން ޒުވާނުންނަކީ އަޚުލާޤާއި ސުލޫކު ރަނގަޅު، އެކަކު އަނެކަކަށް އިޙުތިރާމު ކުރާ، އަދި ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމަށް ވަނީ ރޭވިފައެވެ. އަދި ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދީ، އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންތަކެއްގެ ގޮތުގައި ޒުވާނުން ބައްޓަންކުރުމަށް މި ޕްރޮގްރާމްގެ ތެރެއިން ބާރުއަޅާނެއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ޖުމްލަގޮތެއްގައި ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ނަފްސާނީ ގޮތުން ދުޅަހެޔޮ، އަދި މަސައްކަތުގެ މާހައުލަށް އަހުލުވެރި ހަރުދަނާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ފުރަތަމަ ބުރުގެ ކާމިޔާބީ

މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 344 ޒުވާނުން ވަނީ ކާމިޔާބުކަމާއެކު ދަސްވެނިވެފައެވެ. އޭގެ ތެރެއިން ބައެއް ބައިވެރިން މިހާރު އަންނަނީ ބ. ކިހާދޫގައި ކުރިއަށްދާ ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމުގެ ތަމްރީނުތައް ފުރިހަމަކުރަމުންނެވެ. މިހާރު ފެށުނު ދެވަނަ ބުރާއެކު، ޤައުމީ ޚިދުމަތަށް ނުކުންނަ ތަމްރީނުލިބިފައިވާ ޒުވާނުންގެ އަދަދު އިތުރުވެގެންދާނެއެވެ.