މިއަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދު ހަމަވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު މެންދުރު 12:00 ގެ ނިޔަލަށް ޖުމްލަ 639 ޝަކުވާ ވަނީ އެ ކޮމިޝަނަށް ލިބިފައެވެ.

Ad
rt

ލިބިފައިވާ ޝަކުވާތަކުގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމާއި، ރަށްވެހިކަން ބަދަލުވެފައިވާތީ ހުށަހަޅާފައިވާ ޝަކުވާތަކެވެ.

މީގެ އިތުރުން ނިޔާވެފައިވާ ފަރާތްތަކުގެ ނަން ރަޖިސްޓަރީގައި ހިމެނިފައިވާތީ، އެ ނަންތައް އުނިކުރުމަށް އެދިވެސް ގިނަ އަދަދެއްގެ ޝަކުވާ ހުށަހަޅާފައިވާކަމަށް އެ ކޮމިޝަނުން މަޢުލޫމާތު ދެއެވެ.

ޝަކުވާ ހުށަހެޅުމުގެ ސުންގަޑި

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މިއަދު (18 ޖަނަވަރީ 2026) މެންދުރުފަހު 03:00 އެވެ. އެހެންކަމުން، ކޮމިޝަނުން އާންމުކޮށްފައިވާ ރަޖިސްޓަރީ ޗެކްކޮށް، އެއްވެސް މައްސަލައެއް އުޅޭނަމަ އެ ވަގުތުގެ ކުރިން ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރެއެވެ.

ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، އުނިކުރުމަށް ނުވަތަ މަޢުލޫމާތަކަށް ބަދަލުގެނައުމަށް ޝަކުވާ ހުށަހަޅާއިރު، އެ ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން ޖެހޭނެއެވެ. ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ، އެ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ރަޖިސްޓަރީގައިވާ މަޢުލޫމާތު ޗެކްކުރުމަށްޓަކައި ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، އެސް.އެމް.އެސް މެދުވެރިކޮށްވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ. އެގޮތުން VR (Space) ID number ޖެއްސެވުމަށްފަހު 1414 އަށް މެސެޖު ކުރުމުން ރަޖިސްޓަރީވެފައިވާ ގޮތް އެނގޭނެއެވެ. ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަނުގެ މައިޕޯޓަލް my.elections.gov.mvމެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ.