މިއަދު ހެނދުނު ކާފު އަތޮޅު އެނބޫދޫފިނޮޅު ކައިރިން "ބަލަމާ 6" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ހިނގި ހިތާމަވެރި ހާދިސާގައި، ގެއްލުނު ދެ މީހުންތެރެއިން ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ހަތަރު މީހުންނާއެކު ދަތުރުކުރި މި ދޯނި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 07:27 ހާއިރުއެވެ. ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކަށް ނަގާފައެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުން އައީ ދިވެއްސަކާއި ބިދޭސީއެކެވެ. ފުލުހުން ބުނި ގޮތުގައި، ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާ ފެނުނުއިރު އޮތީ ނިޔާވެފައެވެ. ނިޔާވި ދިވެހި މީހާއަކީ އެ ދޯނީގެ ކެޕްޓަނެވެ.
މުދާ އުފުލާ ދޯންޏެއް ބަންޑުންޖަހައިލުން: ގެއްލުނު ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ
ދޯނި ބަންޑުން ޖަހާލުމާ ގުޅިގެން ދޯނީގައި ހުރި މުދާތައް މިހާރު ދަނީ މާލެއަތޮޅު ދެކުނަށް އޮޔާދަމުންނެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާއިރު، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!